ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރެއްގެ ގަޔަށް ވަޅިހެރި މައްސަލާގައި މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ފަސް ވަރަކަށް މީހުން އެ ދަރިވަރަށް ހަމަލާދީ އޭނާގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މާރާމާރީގައި އެ ދަރިވަރުގެ އަރިކައްޓަށް ވަޅިހެރުމުން ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން ބޮލަށް ވެސް ވަނީ ކުދި ގެއްލުންތަކެއް ލިބިފަ އެވެ. ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.
އެ ދަރިވަރު ބުނިގޮތުގައި އޭނާ އަށް ހަމަލާދީފައި ވަނީ އޭނާ އަކީ މާލޭގެ ވަކި ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެއެ ވެ.
ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ އެ ދަރިވަރަކީ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ.