ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމްކުރާ ސިލްކް ރޫޓުގައި ބައިވެރިވުމުން ރާއްޖެ އަށް އިތުރު ތަރައްގީތަކެއް ލިބި ރާއްޖެ ކުރިއަރައިގެން ދާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ވިދާޅުވެއްޖެ އެވެ.

ސިލްކް ރޫޓުގައި ރާއްޖެ ބައިވެރިވުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ދެ ގައުމުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޗަައިނާގެ ރައީސްގެ "ވަން ބެލްޓް، ވަން ރޯޑް" ގެ ޝިއާރުގެ ދަށުން ހިންގާ "މެރިޓައިމް ސިލްކް ރޫޓް"ގެ މަޝްރޫއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް، ދިވެހި ސަރުކާރުން އޮތީ ކުރިން ނިންމައިފަ އެވެ.

ޗައިނާގެ "ގްރޭޓް ހޯލް އޮފް ޕީޕަލް"ގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ޗައިނާގެ ރައީސް ޝީ ވިދާޅުވީ ސިލްކު ރޫޓު މަޝްރޫއުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

"ޗައިނާ އިން ބޭނުންވަނީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ވެދެވެން އޮތް އެހީތެރިކަމެއް ވާން،" ރައީސް ޝީ ވިދާޅުވި އެވެ.

ޝީ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަރައިގެން ދިޔައީ ވަރަށް ހަލުވިމިނެއްގަ އެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުގެ މުއައްސަސާތަކާއި ޖުޑިޝަރީ އަދި ސިޔާސީ ޕާޓީތަކާއި ގާނޫނު ހަދާ މަޖިލީހުން ދެ ގައުމުގެ ތަޖުރިބާ ހިއްސާ ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވައިފަ އެވެ.

ސިލްކް ރޫޓަކީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ޗައިނާ އާއި އޭޝިއާގެ އިތުރުން އެފްރިކާ އާއި އޯޝޭނިއާގެ ގައުމުތައް ގުޅުވައިދޭ ވިޔަފާރީގެ މަޝްރޫއެކެވެ. ދިވެހި ސަރުކާރުން ދެކޭ ގޮތުގައި މި މަޝްރޫއުގެ ސަަބަބުން ވިޔަފާރީގެ އާ ދޮރުތައް ހުޅުވި، ރާއްޖޭގެ އިގްތިސާދު ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ އެވެ.

ދުނިޔޭގައި އިގްތިސާދު ގޮތުން ދެ ވަނަ އަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޗައިނާ އިން ހިންގާ އެ މަޝްރޫއުގައި ރާއްޖެ ބައިވެރިވާން ޑިސެމްބަރު 2014 ގައި ނިންމި އިރު، މި މަޝްރޫއުގެ ދަށުން ޗައިނާ އިން އިސްކަންދެނީ އެކި ގައުމުތަކުގައި އިންފްރަސްޓްރަކްޗާ މަޝްރޫއުތައް ހިންގާށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެ ގޮތުން، ސަރުކާރުން ހިންގާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށްހެން ޗައިނާ އިން ލޯނު ދީފައިވާ އިރު، ޗައިނާއާ އެކު މިހާރު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ.