ރާއްޖެ އަށް ޗައިނާ އިން އެހީތެރިވަނީ ދިވެހިންގެ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކޮށް ރާއްޖެ އަށް ހެޔޮ އެދިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ-ޗައިނާގެ ސިޔާސީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި ބޭއްވި ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އާ އުސްމިނަކަށް ދަތުރު ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ޗައިނާ އަކީ ރާއްޖެ ތަރައްގީ ކުރުމުގަ އާއި ވިޔަފާރި އާއި އިގްތިސާދު ކުރިއެރުވުމުގައި އެންމެ ގާތް އެކުވެރި ގައުމު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން މިހާ ގިނަ ދުވަހަށް ދެމިގެން ދިޔައީ، އިތުބާރާއި އެއް ގައުމު އަނެއް ގައުމަށް ކުރަމުން އަންނަ އިހްތިރާމްގެ ސަބަބުން ކަމަށެވެ. ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ޗައިނާ އިން ދެނެގަނެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، 2014 ގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމު ދެމެދު ގާއިމުކުރި އެއްބަސްވުންތަކަށް ވަނީ އަލިއަޅުވާލައްވައިފަ އެވެ. އަދި އެ އެއްބަސްވުންތަކުގެ ނަތީޖާ ހާސިލްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިމުމުން ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ރަމްޒަކަށް އެ ދެ ތަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެ ގައުމުގެ ރައްޔިތުން ވެދެމުން އަންނަ އެހީތެރިކަމަށް ޝުކުރު ދަންނަވައިފަ އެވެ.
ރާއްޖެ އަށް އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބެމުންދާއިރު، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އިތުރު ފާގަތިކަން ދިވެހިންނަށް ހޯދައިދީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މި ހަފްލާގައި ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވެ، ޗައިނާގެ ވިޔަފާރިވެރިން ރާއްޖެ އިތުރަށް ކުރިއެރުވުމަށް މަސައްކަތްކޮށް ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މި ހަފްލާގައި ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ވައިސް ޗެއާމަން ޝެން ޔޫޔޫ ވަނީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ހަނދާނީ ފިލައެއް ރައީސް ޔާމީނަށް ވެދުން ކުރައްވައިފަ އެވެ. އަދި ރައީސް ޔާމީން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ސްޓޭމްޕް ސެޓެއް އެކަމަނާ އަށް ވެދުން ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާ އަށް މިއަދު ވަޑައިގަތީ، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި، ރާއްޖެ އާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާ އަށް ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.