ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނިއުކަން ނުދެވޭ ގެތަކުން އަމިއްލަ އަށް ކުނި އުކަން އަންގައި، ކުނި އުކޭނެ ގޮތެއް ނެތް ގެތަކުން ކުނިތައް މަގުމައްޗަށް އަޅަން ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން މާލޭގެ ގެތަކުން ބިދޭސީންނަށް ކުނި އުކުން މަނާކުރުމުން ވަރަށް ގިނަ ގެތަކުން ކުނި އުކާލެވޭނެ ގޮތެއް ނެތެވެ. އެހެންވެ މާލޭގައި އެކި ސަރަހައްދުތަކުގައި މަގުތަކުގައި މީހުން އަންނަނީ ކުނި ކޮތަޅުތައް ބަހައްޓަމުންނެވެ. ބައެއް މަގުތަކުގައި ކުނި ބަހައްޓާފައި ހުރުމުން މިހާރު ވަނީ ނުބައިވަސް ފެތުރެން ފަށައިފަ އެވެ.
"މިގެއިން ކުނި އުކާލަން އަންނަ މީހާ އިއްޔެއިން ފެށިގެން ނާދޭ. އެހެންވެ ކުނި އުކާލަން ހަދަންވީ ގޮތެއް އަދިވެސް ނޭނގިގެން މި އުޅެނީ. ކުނި އުކަން ރަޖިސްޓްރީ ވެސް ކޮށްފައިވާނެ. ވެމްކޯއަށް ގުޅީމަ އެތަނުން ފޯނެއް ވެސް ނުނަގާ. ހަދާނެ ގޮތެއް ނޭނގިފައި މިހިރީ،" މާލޭގެ ގެއަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ބިދޭސީންނަށް ކުނި އުކުން މަނާކުރުމުން އާއްމުންނަށް އެކަމުގެ ދަތިކަން އިންތިހާއަށް އިހުސާސްކުރަން ޖެހިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް އާއްމުން ދަނީ ޝަކުވާކުރަމުންނެވެ. އަދި އުކާލަން ވެމްކޯއިން ނުދެވޭތީ ބައެއް ގެތަކުން ކުނިތައް ނެރެ މަގުތަކުގައި ބަހައްޓާފައިވެ އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުނި އުކާލުމުގެ ހިދުމަތަށް އެދި މާލެއިން މިހާތަނަށް 7،000އަށް ވުރެ ގިނަ ގޭބިސީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީކުރި ގެތަކުގެ ތެރެއިން ހިދުމަތް ނުދެވޭ ގެތަކަށް އަމިއްލައަށް ކުނި އުކާލަން ވަގުތީ ކާޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ސައިޓުން ދޫކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިގެންދަނީ ރަޖިސްޓްރީކުރި ގެތަކުން ކުނި އުކާލަމުން. ނަމަވެސް މިދިޔަ ފަސްވަރަކަށް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރި ގެތަކުން އަދި ކުނި އުކާލާކަށް ނުފެށޭ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އަލަށް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ގެތަކުގެ ފޯމްތައް ޕްރޮސެސްކޮށް ނިމެންދެން ވަގުތީ ކާޑު ބޭނުންކޮށްގެން ކުނި އުކާލެވޭނެ ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ސައިޓުން ދޫކުރާ ވަގުތީ ކާޑު ބޭނުންކޮށްގެން ކުނި އުކާލަން ވަދެވޭނެ. އަޅުގަނޑުމެން މި ބަލަނީ އަލަށް ހުށަހެޅި ފޯމްތައް ހަ ދުވަހުގެ ތެރޭގައި ޕްރޮސެސްކޮށް ނިންމަން. އޭގެ ފަހުން ވެމްކޯ އިން ގެއަކަށް ކުނި ބަލައި ދާނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ވެމްކޯގައި މެދުވެރިނުކޮށް އަމިއްލައަށް ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ވެސް ހިލޭ ކުނި އުކާލަން ސައިޓަށް ވަނުމަށް ފާހެއް ދޫކުރަމުން އަންނަ ކަމަށެވެ. އަދި އެ ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކު އެއް ފަހަރު ކުނި އުކާލަން ވަދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިލޭ ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ކާޑު ބޭނުންކޮށްގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އުކާލަން ބޭނުން ނަމަ ގޭޓް ފީގެ ގޮތުގައި 30ރ. ދައްކަން ޖެހޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދަށް އިއްޔެއިން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ.
ކުރިން މި ގަވާއިދަށް އަމަލްކުރަން އޮތީ ޖުލައި 1 ގަ އެވެ. އެކަމަކު މާލޭގައި ހިމެނޭ 27،000 ގޭބިސީގެ ތެރެއިން އޭރު ރަޖިސްޓްރީކުރީ އެންމެ 1500 ގޭބިސީކަމުން، އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އޮގަސްޓް 1 އަށް ފަސްކުރީ އެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.