ބިދޭސީން އިއްޔެ އިން ފެށިގެން ކުނި އުކުން ހުއްޓާލައިފި އެވެ. ގޭގޭގައި ހުރި ކުންޏަކާ ހަވާލުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. މާލޭގެ 27،000 ގޭބިސީގެ ތެރެއިން ކުނި އުކަން މިހާތަނަށް ރަޖިސްޓްރީ ކޮށްފައި ވަނީ 10،000 ގޭބިސީ އެވެ. ބާކީ 17،000 ގޭބިސީގެ ކުންޏާ ދޭތެރޭ ޒިންމާވާނީ ކާކު ހެއްޔެވެ؟
ޝަކުވާތައް ފުނިޖެހިފައި މިއޮތީ ސޯޝަލް މީޑިއާގަ އެވެ. ގެތަކުގަ އެވެ. އޮފީސްތަކުގަ އެވެ.
"އަހަރެމެން ގޭގައި ކުނި މިއޮތީ ފުނިޖެހިފައި. ވެމްކޯ ކޮބާ؟" އެކަކު ފޭސްބުކްގައި ލިޔެފައި ވެ އެވެ.
ހަގީގަތަކީ، އިއްޔެ އިން ފެށިގެން ވެމްކޯ މި ކުރިމަތިލީ ވަރަށް ބޮޑު ކަމަކާ ކަމެވެ. މުޅި މާލޭގެ ހުރިހާ ގޭބިސީއަކުން ކުނި އުކާލުމަށް ވެމްކޯ އިން ފޫގަޅައި، އިއްޔެއިން ފެށިގެން ބިދޭސީންނަށް ކުނި އުކުން ވަނީ މަނާކޮށްފަ އެވެ. މީގެ ކުރިން ގޭގެއިން ކުނި އުކުމަކީ ހާސްކަމެއް އޮތް ކަމެއް ނޫނެވެ. ގިނަ ގެތަކުން 100 ވަރަކަށް ރުފިޔާ ދީފައި ބިދޭސީއެއް ލައްވައި އެކަން ކުރުވަމުން ދާތާ، އެއްވެސް މައްސަލަތަކެއް ކުރިމަތި ނުވެ އެތަކެއް އަހަރެއް ވެއްޖެ އެވެ. އެހެން ނަމަވެސް، ވެމްވޯއިން މި ވިޔަފާރީގެ ތެރެއަށް ވަދެ، މުޅި މާލޭގެ ކުނީގެ ކޮންޓްރޯލް އެ ކުންފުނީގެ އަތްދަށަށް ގެންދިއުމާ އެކު އިއްޔެ އާއި މިއަދު މިއޮތީ ހުސް ޝަކުވާ އެވެ.
"އެންމެ ފަހުން މިއަދު އޮފީހުގައި އިނދެފައި ހިތަށް ކެތް ނުވެގެން މިއައީ ކުނިކޮތަޅު އެއްލާލައިފައި،" އޮފީހެއްގައި އުޅޭ އަންހެނަކު ބުންޏެވެ.
ރުޅި ގަދަވެފައި ހުރި އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނީ މިވަރުގެ ކުދިކުދި ކަންތައްތަކުގައި ވެސް ސަރުކާރުން މި ޖައްސަނީ "ދުއްޕާން" ކަމަށާއި ގައުމުގައި ރަނގަޅަށް ތަރުތީބުވެފައި ހުންނަ ކަންތައްތައް ވެސް މިދަނީ ގޯހުން ގޯހަށް ކަމަށެވެ.
"މި ދައްކަނީ ކުނީގެ ވާހަކަ. ގޭތެރޭގައި ކުންޏެއް ނުބެހެއްޓޭނެ އެ މީހުންނަށް [ވެމްކޯ އަށް] އާދެވޭހާ އިރެއް ވަންދެނެއް،" އޭނާ ބުންޏެވެ.
އާންމުންގެ ތަފާތު ޝަކުވާތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަން "މިހާރު"އިން ވެސް ޗެކްކުރި އެވެ. އެއް ކަމަކީ ފޯނު ނުނެގުމުގެ މައްސަލަ އެވެ. އެތާނގެ ހޮޓްލައިން 1666 އަށް ގުޅާއިރު އޮންނަނީ ބިޒީވެފަ އެވެ. ރޭގަނޑު ދަންވަރު ގުޅިޔަސް އެ ނަންބަރު އޮންނަނީ އެންގޭޖްވެފަ އެވެ.
"މި ވޭތުވެދިޔަ ދެ ތިން ދުވަހުގެ ތެރޭގައި އެ ނަންބަރަކުން ފޯނެއް ނުނަގާ،" އެކަކު ބުންޏެވެ.
މައިގަނޑު ދެ ވަނަ ޝަކުވާއަކީ ހުރިހާ ކަމަކަށް ތައްޔާރު ނުވެ އޮވެމެ، ބިދޭސީން ލައްވާ ކުނި އުކުން މަނާކުރުމެވެ. އެހެންވެ، އެއްވެސް ބިދޭސީއަކު މިހާރު ކުނި ކޮތަޅެއް ނުއުފުލަ އެވެ.
"އަހަރެމެންގެ ގެޔަށް އަންނަ މީހާ މިދިޔަ މަހުގެ 31 ގައި ބުނެފި މުސާރަ ދޭށޭ ދެން ނާދެވޭނެއޭ ޕޮލިހުން ހިފަހައްޓާނެއޭ،" ގެއެއްގައި އުޅޭ އަންހެނަކު ބުންޏެވެ. "އެ ހިސާބުން އަދި މި ރޭކާލީ އަހަރެމެން ވެސް ރަޖިސްޓްރީކުރަން ޖެހޭކަން. މި ދެ ދުވަސް މިދިޔައީ ކުނި އުކޭނެ ގޮތެއް ނެތް. މިގޭގައި ނެތް ފިރިހެނެއް ވެސް. ދެން ޖެހޭނީ ހުޅުމާލޭގައި އުޅޭ އަހަރެންގެ ކޮއްކޮ މާލެ ގެނެސްގެން އޭނާ ލައްވާ މިކަން ކުރުވަން."
މި މައްސަލަ މާލޭގައިި އޮތީ ވަރަށް ބޮޑުވެފަ އެވެ. ބައެއް ގެތަކުގައި ޑަސްބިންތައް ހުރީ ފުރިފަ އެވެ. އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް، ހަ ދުވަހުގެ ތެރޭގައި އެތައް ބަޔަކު ރަޖިސްޓްރީކުރި އިރު އެ ގެތަކުގެ ކުނި އުކާލެވޭކަށް އަދި ނުފެށެ އެވެ. އެހެންވެ، ބައެއް ގެތަކުން މަގުމައްޗަށް ކުނި އުކަމުންދާ ކަމަށް ވެސް ވެ އެވެ.
"މާލެތެރެ މިފަހަރު ކުނިވާނެ. ކޮންމެކޮންމެ މީހަކު ކުނި އުކާކަށް ނުދާނެ،" ފޭސްބުކްގައި މީހަކު ލިޔެފައި ވެ އެވެ.
ކުނި އުކުމަށް ޓަކައި، އާ ގަވައިދެއް ހަދައި އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށުމާ އެކު ކުރިން އޮންނަހެން އެހާ ފަސޭހައިން އަމިއްލަ އަށް ވެސް ކުނި އުކާލެވޭކަށް ނޯވެ އެވެ. އެކަމަށް ވަކިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މިއީ ވެސް އާންމުންނަށް ކުރިމަތިވި އިތުރު ތަކުލީފެކެވެ. އިއްޔެ އާންމު އެތައް ބަޔަކު އަމިއްލަ އަށް ކުނި އުކާލަން ދިއުމާ ގުޅިގެން ކުނި ކޮށި ސަހަރައްދު އޮތީ ވެސް ބާރުބޮޑުވެފަ އެވެ. ބައެއް މީހުން މަލާމާތް ކުރަމުން ގޮތުގައި "މިއޮތީ ވާ ކަމެކެވެ."
"ކުނި އުކަން ވެސް މި ޖެހެނީ ރަޖިސްޓްރީ ކުރަން. ކޮންމެ ކަމެއް ވެސް އޭގައި އޮންނަ އެންމެ އުނދަގޫ ގޮތް މި އޮންނަނީ،" އެކަކު ބުންޏެވެ. "ހުރިހާ ކަމެއް ހުއްޓާލައިފައި ޖެހެނީ އަނެއްކާ ވެސް ތިކަމަކާ ބޯގާނަން."
މި ހުރިހާ ޝަކުވާތަކެއް މިހެން ހުއްޓަސް ވެމްކޯގެ ވާހަކަ ތަފާތެވެ. އެ ކުންފުނީގެ އިސް ބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި މި ވަރުގެ ބޮޑު ކަމެއް ފެށިއިރު ހީކުރި ވަރަށް ވުރެ މައްސަލަ މަދެވެ. އަދި ހުރިހާ ގެއަކުންހެން ރަޖިސްޓްރީ ކުރީ އެންމެ ފަހު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ފޯމްތައް އަޅުގަނޑުމެން މިދަނީ ޕްރޮސެސްކުރަމުން،" އޭނާ ވިދާޅުވި އެވެ. "އެ ފަރާތްތަކުން އަމިއްލަ އަށް ކުނި އުކަން އަޅުގަނޑުމެން މިދަނީ ވަގުތީ ކާޑެއް ދޫކުރަމުން."
އެކަމަކު އެނގިފައިވާ ގޮތުގައި އެ ކާޑު ނެތަސް ކުނި އުކާލެވެ އެވެ. ބައެއް މީހުން ގޮސް، "ކާޑެއް ނެތޭ، މިހިރީއޭ ކުނިކޮތަޅު، ކަލޭމެން ހަދާނެ އެއްޗެއް ހަދާށޭ" ކިޔާފައި ކުނިކޮށީގައި ބަހައްޓާފައި ދާ ކަމަށް ވެ އެވެ.
ވެމްކޯގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ހަމައަކަށް އެޅި، މުޅި މައްސަލަ ހައްލުވާން ނަގާނީ ކުޑަ ދުވަސްކޮޅެކެވެ.
"އިއްޔެ އާއި މިއަދުގެ ތަޖުރިބާ އަށް ބަލާއިރު އަޅުގަނޑުމެންނަށް ޔަގީން މިކަން ކާމިޔާބުވާނެ. އަޅުގަނޑުމެންނަށް މުޅި މާލޭގެ ކުނި އުކާލެވޭނެ. އަލަށް ރަޖިސްޓްރީކުރި ބައެއް ތަންތަނުގެ ކުނި ވެސް އިއްޔެ އުކިން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އާންމުން އެކަމެއް ގަބޫލެއް ނުކުރެ އެވެ. ކަމެއް ހުއްޓުވާލާ އިރު، އެކަމަށް ތައްޔާރުވެފައި ނެތް ކަމަށް އާންމުން ގަބޫލު ކުރެ އެވެ. ބައެއް މީހުންނަށް ވެމްކޯއިން ދިންް ޖަވާބުން އެ މީހުން ތިބީ މާ ރުޅިގަދަ ވެފަ އެވެ.
"ބުނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ވަންދެން އަމިއްލަ އަށް ކުނި އުކާލާށޭ... މި ދެން ބޮޑު ކަމެއްނު!"