ވޮޝިންޓަން (އޮގަސްޓް 2) - ވެނެޒުއެލާގެ އިދިކޮޅު އިސް ލީޑަރުން ޖަލަށްލާތީ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

ވެނެޒުއެލާގެ ގިނަ ބަޔަކާއި އެތައް ގައުމަކުން ދެކޮޅު ހަދަމުން ދަނިކޮށް ވެނެޒުއެލާގައި ޕާލަމެންޓް އިންތިޚާބު ބޭއްވުމުން މަދޫރޯ އަށް ފާޑުކިޔުން އިތުރުވެފައި ވަނިކޮށް އިދިކޮޅު އިސް ދެ ލީޑަރަކު ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވީ ޖަލުގައި ބަންދުކުރި އިދިކޮޅު ލީޑަރުންގެ ސަލާމަތާ މެދު މަދޫރޯ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޝަރުތެއް ނެތި ހުރިހާ ސިޔާސީ ކުށްވެރިން ޖަލުން މިނިވަން ކުރުމަށް ވެސް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ.

ކުރިން ވެސް ގޭ ބަންދުގައި ތިއްބެވި އިދިކޮޅު ދެ ލީޑަރުން ކަމަށްވާ ލިއޮޕޯލްޑޯ ލޮޕޭޒް އާއި އެންޓޯނިއޯ ލެޑެޒްމާ އިއްޔެ ވަނީ އަސްކަރީ ޖަލަކަށް ބަދަލުކޮށްފަ އެވެ.

ރައީސް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވަނީ މަދޫރޯގެ ޚުދުމުޚްތާރު އަމަލުތައް ކުށްވެރި ކުރައްވައިފަ އެވެ. އަދި އިދިކޮޅު ދެ ލީޑަރުން ޖަލަށްލާފައި ވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ގަދަ ބާރު ދެއްކުމަށް ފަހު އިންތިޚާބު ބޭއްވުމުން މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން އިއްޔެ ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި އޭނާގެ މުދާތައް ހިފެހެއްޓުމާއި އެމެރިކާގެ ފަރުދަކާ އެކު ނުވަތަ އެ ގައުމުގެ ކުންފުންޏަކާ އެކު ނަމަވެސް ވިޔަފާރި ކުރުން މަނާކުރުން ހިމެނެ އެވެ. އެމެރިކާ އިން ކުރިން ވެސް ވަނީ ވެނެޒުއެލާގެ އިންތިޚާބު ގަބޫލް ނުކުރާނެ ކަމަށް އަންގައިފަ އެވެ.

މަދޫރޯ އަކީ އެމެރިކާ އިން މިގޮތަށް ބްލެކްލިސްޓްކުރި ދުނިޔޭގެ ހަތަރު ވަނަ ލީޑަރެވެ. މީގެ ކުރިން ފިޔަވަޅު އަޅާފައި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަަދު، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަދި ޒިމްބާބުވޭގެ ރައީސް ރޮޮބަޓް މުގާބޭ އެވެ.

ގައުމުގެ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ އަތުގައި މިހާރު އޮތް އަޣުލަބިއްޔަތު ސަރުކާރަށް ހޯދުމެވެ. އޭގެ ފަހުގައި ގާނޫނު އަސާސީ އަލުން ލިޔެ މަދޫރޯ އަށް ބާރުތައް އިތުރަށް ލިބޭނެ ގޮތަށް މަގު ފަހިކުރުމެވެ.