ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ލ. އަތޮޅުގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތްތަކަށް ލޯނު ދޫކުރަން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން މި ފަހަރު ލޯނު ދޫކުރަނީ ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތަށެވެ. ލޯނަށް އެދޭ ފޯމު އެ ރަށްރަށުގެ ކައުންސިލް އިދާރާތަކުންނާއި ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
ލޯނަށް އެދުމުގެ ފުރުސަތު އޮންނާމީ އަންނަ މަހުގެ 2-12 ވަނަ ދުވަހާ ހަމައަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ދަނބިދޫ، ކަލައިދޫ، އަދި އިސްދޫގައި ކުރާއިރު، ލ. އަތޮޅުން ޖުމްލަ 150 މީހަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސައްކަތް ކުރަން މިދިޔަ އަހަރާއި މި އަހަރުގެ ކުރީކޮޅު ހުޅުވާލި ފުރަތަމަ ފުރުސަތުގައި ލޯނު ލިބުނު މީހުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ހުއިފިލަނޑާ އާލާކުރުމަށް ލޯނު ދޭއިރު އެކަން ކުރިއަށް ގެންދަނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެތި ދީގެން ކަމަށެވެ.
އެއީ މަސައްކަތް ފަށައި ގަތުމަށް ބޭނުންވާ ކޮށި އެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާ އެވެ.
ލޯން ލިބޭ މީހުން ކަނޑައަޅާނީ އެކަމަށް ޚާއްސަ ކޮށްގެން އެކުލަވާލައިފައިވާ ޕޮއިންޓް ދޭ އުސޫލުގެ ދަށުންނެވެ.