އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ލ. އިސްދޫކަލައިދޫއާ އެއް ފަޅެއްގައި އޮންނަ ދަނބިދޫ ގުޅާލާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ފަހު ލ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި އިސްދޫކަލައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެއް ފަޅުގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށް ކޯލިޝަން ސަރުކާރުން ގުޅާލާނެ ކަމަށެވެ.
އިބޫ އިއްޔެ ވަނީ ތ. ވޭމަންޑޫ އާއި އެއަތޮޅު ކިނބިދޫ ވެސް އޭނާގެ ވެރިކަމެއްގައި ގުޅާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އިސްދޫކަލައިދުއަށް ދާން އޮންނަ 2.5 ކިލޯ މީޓަރުގެ ދިގު މަގު ހަދައިދިނުމާއި ބޭންކުގެ ހިދުމަތް ތައާރަފުކޮށްދިނުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫތައް ވެސް ހިންގަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑާއި ރަށްތަކަކީ ބޮޑު ހަޒާނާއަކަށް ވާއިރު މިހާތަނަށް އެތަންތަނުގެ ބޭނުން ހެޔޮ ގޮތުގައި ހިފާފައިނެތް ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އެކަންކަން ހަރުދަނާކޮށް ރަނގަޅު ސިނާއަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.