ޓީއެމްއޭ ސީޕްލޭނެއްގެ ކަނދެއް ބިނދި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކްރޫއަށް އަދިވެސް ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ކަން އެނގިއްޖެ އެވެ.

އިއްޔެ މެންދުރު ހިނގި އެ ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސްކަމުން ފުރަތަމަ ވެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. 

މައުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ބުނީ އޭނާގެ ހާލަތަށް ބަދަލެއް ނާންނާތީ އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ކްރޫއަށް އަނިޔާވީ ސީޕްލޭނާއި ޑޮކްއާ ދޭތެރޭ ފިތިގެން ކަން އެނގިފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ޒުވާނާ ކަނދުމަތިން ކަނޑަށް ވެއްޓުމުން ނަގަން ވެސް އިރުގަނޑެއްވި ކަމަށެވެ. 

ޓީއެމްއޭއިން މީޑިއާއަށް ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނައި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ބުނި ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ޓީއެމްއޭއިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ނެތެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭނުގެ ކަނދު ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓަށް ކޮންމެވެސް ވަރަކަށް ލޮނު ވަދެފައި ވެ އެވެ.