ކޮންރެޑް ރިސޯޓުން 12 މީހުންނާއެކު އައިސް އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ ރަންވޭއަށް ޖައްސަނިކޮށް އަރިއަޅާލައިގެން އިއްޔެ އަޑިއަށް ދިޔަ ޓީއެމްއޭގެ ސީޕްލޭންގެ ބައިތައް ނަގައިފި އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލު މިއަދު ވިދާޅުވީ ހުޅުލޭ ފަޅުތެރެއަށް އަޑިއަށް ދިޔަ ބޯޓުގެ ބައިތައް އިއްޔެ ހަވީރު ނެގުމަށްފަހު ތަހުގީގު ފަށާފައިވާ ކަމަށެވެ.
"އެ ބޯޓު އޮތީ މިހާރު ސިވިލްއޭވިއޭޝަންގެ އެކްސިޑެންޓް އެންޑް ކޯޑިނޭޝަން ކޮމިޓީގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެން މިދަނީ އެ ބޯޓު އިންސްޕެކްޓްކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޖަލީލު ވިދާޅުވީ ބޯޓު ވެއްޓުނު ސަބަބު އެނގޭނީ ސުވާލުކުރަން ޖެހޭ މީހުންނާ ސުވާލުކޮށް ނިމިގެން ކަމަށެވެ.
"އެ ބޯޓުގެ ބައިތައް ނެގުމަށްފަހު އޭގެ އިންސްޕެކްޝަން ހަދައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރަމުން. އޭގެ ފަހުން ބޯޓު ވެއްޓުނު ސަބަބު އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
އެ ބޯޓު ވެއްޓިފައި ވަނީ އިއްޔެ ހެނދުނު 8:30 ހާއިރު ހުޅުލެ އަށް ޖައްސަން އުޅެނިކޮށެވެ. އޭގައި އޭރު ނުވަ ފަސިންޖަރުންނާއި ތިން ކްރޫން ތިއްބެވެ. ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބުނަސް، ބޮޑު އަނިޔާއެއް ނެތް ކަމަށް އެނގިފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓުގައި ތިބި އެންމެން ވެސް ސަލާމަތްކުރެވުނު ކަމަށެވެ.