މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ "އާރުވެރި މެޗިން ގްރާންޓް" ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ވޯލްޑް ބޭންކުގެ ޓްރާންސްފޯމިން "ފިޝަރީޒް މެނޭޖްމަންޓުން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުން ދޫކުރާ އެ ގްރާންޓް ޖުމްލަ ހަތް ދާއިރާއެއްގެ ޕްރޮޖެކްޓްތަކަށް ދޫކުރާއިރު ޕްރޮޕޯސަލް ހުށަހަޅަން އަދި ހުޅުވާލީ އޭގެ ތެރެއިން ފަސް ދާއިރާ އެވެ.
އެއީ:
- މަސްވެރި އުޅަނދުތަކުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުން.
- މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި މީހުން އުޅޭ ރަށްރަށުގައި ހިންގާ އެ ދެ ދާއިރާގެ މަސައްކަތްތަކަށް ހާއްސަކޮށް އުމްރާނީ ވަސީލަތްތައް ގާއިމްކުރުން.
- އަލަށް ފަށާ އަދި މިހާރު ވެސް ހިންގާ މެރިކަލްޗާ މަސައްކަތްތައް
- މަސް ޕްރޮސެސް ކުރުން
- މަހުގެ ވެލިއުއެޑެޑް އުފެއްދުންތައް އިތުރުކޮށް އެ ދާއިރާ ޑައިވާސިފައި ކުރުން.
ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ފަސް ބާވަތުގެ މަސައްކަތުގެ ތެރެއިން މަސްވެރި އުޅަނދުތަކުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރަން ދޫކުރާނީ ޖުމްލަ 200،000 ޑޮލަރެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި މީހުން އުޅޭ ރަށްރަށުގައި ހިންގާ އެ ދެދާއިރާގެ މަސައްކަތްތަކަށް ހާއްސަކޮށް އުމްރާނީ ވަސީލަތްތައް ގާއިމްކުރަން ޖުުމްލަ 70،000 ޑޮލަރުގެ އެހީ ދޭނެ އެވެ.
އަލަށް ފަށާ އަދި މިހާރު ވެސް ހިންގާ މެރިކަލްޗާ މަސައްކަތްތަކަށް ދޫކުރާނީ ޖުމްލަ 83،000 ޑޮލަރެވެ. މަސް ޕްރޮސެސް ކުރުމުގެ މަސައްކަތްތަކަށް ޖުމްލަ 828،000 ޑޮލަރު ދޫކުރާއިރު މަހުގެ ވެލިއުއެޑެޑް އުފެއްދުންތައް އިތުރުކޮށް އެ ދާއިރާ ޑައިވާސިފައި ކުރަން ދޫކުރާނީ 180،000 ޑޮލަރެވެ.
އާރުވެރި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެކަމާ ބެހޭ ތަފްސީލު މައުލޫމާތުތައް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.