ނަފްސާނީ ފަރުވާ ނުވަތަ އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމައުއެއް ބިނާކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށް ގެންދާ ސާކް ސައިކިއޭޓްރިކް ފެޑަރޭޝަންގެ 16 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ދާއިރާއިން ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ "ސިކުނޑިތައް" އެއްގަލަކަށް އަރާފައި ވަނީ މުހިންމު މަގުސަދެއްގައި ކަމަށާއި އެއީ ދިރިއުޅުން ރަނގަޅުކޮށް، އުންމީދު އާކޮށް، ސިއްހަތު ރަނގަޅު އަދި އަޅާލާ މުޖުތަމައުތަކެއް ބިނާކުރުމަށް ކަމަށެވެ.
ނަފްސާނީ ސިއްހަތަކީ ހަމައެކަނި ބޭސްވެރިކަމުގެ ކަމެއް ނޫން ކަމަށާއި އެއީ އިންސާނީ ކަރާމާތާއި އިންސާނީ ގުޅުމާއި އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގައި ނަފްސާނީ ސިއްހަތާ ގުޅޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި މާޔޫސްކަމާއި ކަންބޮޑުވުމާއި ނަފްސާނީ އަނިޔާ އާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި ނަފްސާނީ އެހެނިހެން ހާލަތްތަކުން އެކި އުމުރުފުރާގެ މީހުން ތަހައްމަލުކުރަމުންދާ ކަމަށެވެ.
ނަމަވެސް، ގިނަ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ހަމައެކަނި އެ ހާލަތެއް ނޫނެވެ. އެއީ މުޖުތަމައު އެ ކަންކަމާ މެދުގައި ދެކެމުންދާ ގޮތް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
އެހީއަށް އެދެން ޖެހިލުންވުމާއި ނަފްސާނީ ތަކުލީފަކީ އެކަނި ތަހައްމަލުކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭ ކުރުމަކީ ވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން ބަދަލުކުރަން ޖެހޭ. ނަފްސާނީ ސިއްހަތަށް އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ، ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީއަށް އިސްކަންދޭ، ތަފާތުކުރުމުގެ ބަދަލުގައި އެހީތެރިކަން އިސްކުރާ އަދި އެކަނިމާއެކަނި މި ވޭން ތަހައްމަލުކުރަން ނުޖެހޭ މުޖުތަމައުއެއް އަޅުގަނޑުމެން ބިނާކުރަން ޖެހޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
"އޭގެ ސަބަބަކީ، ނަފްސާނީ ސިއްހަތަކީ ހަމައެކަނި މަދު ބަޔަކަށް އޮތް އިމްތިޔާޒެއް ނޫން. އެއީ މުޖުތަމައުގެ އެންމެންގެ ސިއްހަތާއި ލާބައާ ގުޅިފައިވާ މުހިންމު ކަމެއް."
ސާޖިދާ ވިދާޅުވީ މައެއްގެ ގޮތުގައި، އެކަމަނާ މިއަދު އެންމެ ކަންބޮޑުވަނީ ކުދިންނާއި ޒުވާނުންގެ ނަފްސާނީ އަދި ރޫހާނީ ސިއްހަތާ މެދުގައި ކަމަށެވެ. ކުޑަކުދިންގެ އުމުރަކީ ހޯދައިބެލުމާއި އުނގެނުމާއި އެކުވެރިކަމާއި އުންމީދުގެ ދުވަސްވަރަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، މިއަދުގެ ގިނަ ޒުވާނުން ބޮޑުވަމުން އަންނަނީ އިތުރަށް އޮޅުންބޮޅުން ބޮޑު އަދި ގޮންޖެހުންތައް ގިނަ ދުނިޔެއެއްގައި ކަމަށާއި އެކަޑެމިކް ޕްރެޝަރާއި މުޖުތަމައު ދެކޭގޮތާއި އާއިލީ މައްސަލަތަކާއި އޮންލައިން ނުފޫޒުތަކާއި އަދި މުސްތަގުބަލާ މެދު އޮތް ނުތަނަވަސް ކަމުގެ ސަބަބުން ޒުވާނުންގެ ސިކުނޑިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި އެވެ.
"ބައެއް ފަހަރު ނަފްސާނީ ތަކުލީފުތަކުގެ ނިޝާންތައް ވަގުތުން ފެންނާކަށް ނުހުރޭ. ކުޑަކުއްޖަކު ހިމޭންވެ އެކަހެރިވެދާނެ. ބޮޑުވަމުން އަންނަ ކުއްޖަކު އަމިއްލަ އިއްޒަތް ގެއްލޭ ނުވަތަ ނުކުރަންވާ ކަންކަން ކުރަން ފަށައިފާނެ. ޒުވާނަކު އިތުބާރުކުރާނެ މީހަކު ނުވަތަ އެހީއަށް އެދޭނެ ތަނެއް ނޭނގި ތަކުލީފު އުފުލައިފާނެ،" ސާޖިދާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ނިޝާންތައް ދެނެގަންނަން ދަސްކޮށް، ފާޑުނުކިޔައި އެ ކުދިންގެ ވާހަކަތައް އަޑުއަހައި، އޯގާތެރިކަމާ އެކު ވާހަކަ ދައްކަން ވާނެ. ކޮންމެ ކުއްޖަކަށް ވެސް އެ ކުދިންގެ އިހުސާސްތަކުގެ މުހިންމުކަމާއި އެ ކުދިންގެ ތަކުލީފުތައް އަޑު އެހޭނެ ކަމާއި އަދި ބޭނުންވާ ވަގުތު އެހީތެރިކަން ލިބޭނެކަން އެނގިގެން ބޮޑުވުމުގެ ހައްގު ލިބެންޖެހޭ."
ސާޖިދާ ވިދާޅުވީ މުޖުތަމައުގެ މަސްއޫލިއްޔަތަކީ ހަމައެކަނި ޒުވާނުން ނަފްސާނީ އުނދަގޫތަކުން އަރައިގަތުމަށް އެހީތެރިވުން ނޫން ކަމަށާއި އެއީ ހުރިހާ ކުދިން ވެސް ޝާމިލުވާ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކޮށްދިނުން ކަމަށެވެ. އެ މަސްއޫލިއްޔަތު ފެށެނީ ގޭތެރެއިން ކަމަށާއި އެއަށް ފަހު މުޅި މާހައުލާއި ސްކޫލުތަކުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ސިއްހަތު ރަނގަޅު މުސްތަގުބަލެއް ބިނާކުރެވޭނީ ނަފްސާނީ ގޮތުން ދުޅަހެޔޮ ކުދިންތަކެއް ބިނާކުރެވިގެން ކަމަށް ސާޖިދާ ވިދާޅުވި އެވެ.