ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަނީ އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދޭނެ އަމާޒަށް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. 

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ"ގައި ފަސްޓް ލޭޑީ ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ގައުމެއްގެ އެންމެ އިއްޒަތްތެރި އެންމެ ގަދަރުކުރެވޭ ބަޔަކީ އިސްރަށްވެހިން ކަމަށް ވާތީ، ވަކިން ހާއްސަކޮށް އިސްރަށްވެހިންގެ ނަފުސާނީ އުފާވެރިކަމަށް ބޮޑު އަހަމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

އިސްރަށްވެހިން ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ބާއްވާ އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބި އެފަދަ ކަންކަމާ މެދު ވާހަކަދައްކައި، އެ ކަންކަމުން އަރިގަތުމަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ. 

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް. އިރާދަކުރެއްވީތީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުން ދަނީ އެ އަމާޒަށް،" ސާޖިދާ ވިދާޅުވި އެވެ. 

ފަސްޓް ލޭޑީ ވިދާޅުވީ ފާއިތުވި މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އިސްރަށްވެހިންގެ އެކި މަރުކަޒުތައް ހުޅުވާފައިވާ ކަމަށާއި އެ މަރުކަޒުތަކުގައި މިހާރު ވެސް އަގުހުރި އެތައް ހަރަކާތްތަކެއް ހިންގާ ކަމަށެވެ. އަދި އިސްރަށްވެހިންނަށް އުފާވެރިކަން ލިބޭ އެތައް ވަގުތުތަކެއް އެ ތަންތަނުގައި އެބަ ހޭދަކުރާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.  

"އެ މަރުކަޒުތަކުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އެކަނިވެރިން ފިލައި އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނާނެކަން ކަށަވަރު،" ފަސްޓް ލޭޑީ ވިދާޅުވި އެވެ. 

ސާޖިދާ ވިދާޅުވީ އިސްރަށްވެހިންނަށް އިތުރު ފަހި މަގުތައް ހުޅުވެމުން އަންނަ ކަމުގެ ނިޝާނަކީ މިއަދު ކާށިދޫގައި މި ބާއްވާ ހޭލުންތެރިކުރުވުމުގެ މަޝްވަރާ ބައްދަލުވުން ކަމަށެވެ.