ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު އަދި 12-13 އަހަރާ ދެމެދުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ވަނީ 52 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ގްރޭޑު 10 އަށް ހިސާބު ކިޔަވައިދޭ ޓީޗަރެކެވެ. އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ފަހުން ރިޕޯޓުކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު 52 އަހަރުގެ އިތުރު ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކުރި އެވެ. އެއީ ދަށް ގްރޭޑަށް އިނގިރޭސި ކިޔަވައިދޭ ޓީޗަރެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި 30 ދުވަހު ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ދެ މީހުންނަކީ ރަށުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ދެ ޓީޗަރުން ކަމަށެވެ. ދަރިވަރުންނަށް އެ ޓީޗަރު ޖިންސީގޯނާ ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. މި ފަހަރު ހައްޔަރުކުރީ ބޮޑު މައްސަލައެއްގައި ކަމަށް އޭނާ ބުންޏެވެ.