ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށް، އޭނާ ހޯދުމަށް ފުލުހުން މިއަދު ވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ.

ފުލުހުން ބުނި އެ ވީޑިއޯ އިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އޭނާ ހޯދިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ހިނގާފައި ދާތަނެވެ. ފަހަތުގައި ދެ އަންހެންކުދިން ހުންނަތަން ވެސް ފެނެ އެވެ. އެ ފިރިހެން މީހާ ލައިގެން ހުންނަނީ ކަޅާއި ހުދު ދެ ފަށް ދަމާފައި ހުރި މަޑު ނޫކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ފަޓުލޫނެކެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.