ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމަށް އެހީ ހޯދުމަށް ރީ-ރަޖިސްޓްރީވާން އެންސްޕާއިން ހުޅުވާލައިފި އެވެ. 

އެ އެޖެންސީން ރޭ ކުރި އިއުލާނުގައި ބުނީ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން އެ ހައްގުވާ މީހުންނަށް، ގަވައިދުގައި އޮންނަ ގޮތުން އެހީ ދޭނީ ދެ އަހަރަށް ކަމަށެވެ. 

އެހެންވެ، ނޮވެމްބަރު 2024 ގެ ނިޔަލަށް އެހީގެ ދަފްތަރުގައި ތިބި މީހުން، އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް މެދުވެރިކޮށް އަލުން ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ. 

އެ މުއްދަތުގައި ފޯމު ހުށަނާޅާ މީހުންނަށް ދެން އެހީ ދޭނީ، އާ ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި؛

  • ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ
  • ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީ
  • ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ

ގަވައިދު އޮންނަ ގޮތުން، އެއް ލިސްޓަށް އެހީ ދޭނީ ދެ އަހަރު ވަންދެން ކަމަށް ވިއަސް، ލިސްޓު ރިވިއު ނުކުރެވި، އެހީ ހައްގުނުވާ އެތައް ބަޔަކަށް ފާއިތުވި މުއްދަތުގައި އެލަވަންސް ދީފައިވެ އެވެ. ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ އެ މައްސަލަ ހައްލުކުރާށެވެ. 

އެންސްޕާގެ މާލީ އެހީގައި ރަޖިސްޓްރީވާން މި ފަހަރު ހުޅުވާލިއިރު، މަރުވެފައި ތިބި 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް މި ފަހުން ފެންމަތިވެފައިވެ އެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ އެ އިދާރާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލުމުން މޮނިޓަރިންގެ މަސައްކަތްތައް އޮތީ "ބޮއްސުންލާފައި" ކަމަށެވެ. އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ މައުލޫމާތު އަޕްޑޭޓް ނުކުރެވުމުން ގިނަ ބައެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.