ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރުގެ ހިދުމަތް އައްޑޫގައި ހުންނަ އެ އެޖެންސީގެ އޮފީހުގައި ގާއިމްކޮށް، ހިދުމަތް ދޭ ގަޑިތައް މިއަދު އިތުރުކޮށްފި އެވެ.

އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީގެ ކޯލް ސެންޓަރު އައްޑޫ އޮފީހުގައި ގާއިމްކޮށް، ހިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ކޯލް ސެންޓަރުގެ ހިދުމަތުގެ ގަޑިތައް ވެސް އިތުރުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

ކުރިން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުން އައި ކޯލް ސެންޓަރުގެ ހިދުމަތް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށް އެންސްޕާ އިން ބުންޏެވެ. 

އެންސްޕާއިން ބުނިގޮތުގައި އެ ބަދަލު ގެނައީ އެ އެޖެންސީގެ ހިދުމަތްތައް ހޯދާ މީހުންނަށް ވީހާ ވެސް ފަސޭހަ ކަމާއެކު ހިދުމަތްތަކުގެ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

އެންސްޕާ އާއި އާސަންދައިގެ އޮފީހެއް އައްޑޫގައި ހުޅުވީ މިދިޔަ މާޗް މަހު އެވެ. 

އެންސްޕާ އިން ދެމުން އައި މެޑިކަލް ވެލްފެއާގެ ނުވަތަ ބޭސްފަރުވާގެ އެހީގެ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް މިދިޔަ މެއި މަހު ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ބަދަލާ އެކު ދައުލަތުން ދޭ ބޭސްފަރުވާގެ އެހީގެ ހުރިހާ ކަމެއް އާސަންދަ ޕޯޓަލް މެދުވެރިކޮށް ދަނީ ދެމުންނެވެ.