މާލޭގެ ގެއެއްގައި މިދިޔަ ހަފުތާގައި ގޭސް ލީކުވި ހާދިސާގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ނުހަދައި، އާއިލާއާ މިއަދު ހަށިގަނޑު ހަވާލުކޮށްފި އެވެ.

ދިލްކުޝާ ގޯޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު އެވެ. އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ ތެރެއިން އެކަކު އޮތީ މަރުވެފަ އެވެ. 

އެ ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން ޒާހިދާ ތައުފީގު، 51، އެވެ.

ނަމަވެސް، މަރުގެ ތަހުގީގެއް ކުރިއަށް ދިއުމުން ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގަ އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒާހިދާގެ ޕޯސްޓްމޯޓަމް ނުހަދައި އެ ހަށިގަނޑު މިއަދު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. 

އެ ހާދިސާގައި ދެން އަނިޔާވީ ޒާހިދާގެ 19 އަހަރުގެ އަންހެން ދަރިފުޅެވެ. އެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ވެ އެވެ.