ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މިދިޔަ ހަފުތާގައި މަރުވި ދެ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެ މަރުގެ ހަގީގަތް ބަލަން އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ދެ މީހުންގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ހުކުމް ތަންފީޒު ކުރަން ޖަލަށް ލާފައި ހުއްޓާ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ މަރުވީ ދަފްތަރު ނަމްބަރު 439، އިބްރާހީމް ސުހައިލް 53، އެވެ.

ކަރެކްޝަންސް އިން ބުނީ ނިއުމޯނިޔާގައި ސުހެއިލް މަރުވީ ސިއްހީ ހާލު ދެރަވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ހަފުތާއެއް ފަހުން ކަމަށެވެ.

އޭރު އޭނާ ދިޔައީ ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުންނެވެ. 

އެ ދުވަހު ދެ ވަނައަށް މަރުވީ، ސ.ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު، 45، އެވެ.

ޑްރަގްގެ މައްސަލައެއްގައި އޭނާއަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.

ނިޔާޒު މަރުވީ ހުޅުމާލެ ޖަލުގައި ހުއްޓާ ހާލު ސީރިއަސްވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.