ކ. ގާފަރު ކައިރިއަށް މިއަދު ބަންޑުން ޖަހާލި ކޮޅުވެއްޓިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފި އެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓި ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށެވެ. އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 10 މީހަކު ތިއްބެވެ. އެއީ 8 ބިދޭސީންނާއި ދެ ދިވެހިންނެވެ. އޭގެ ތެރެއިން 8 މީހުން ސަލާމަތް ކުރި ނަމަވެސް ދެ މީހުން އަދި ވެސް ނުފެނެ އެވެ.
ގާފަރު ކައުންސިލް ރައީސް މުބައްޝިރު ޖަލީލް "މިހާރު" އަށް ވިދާޅުވީ ސަލާމަތްކުރި 8 މީހުން މިއަދު މެންދުރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކޮޅަށް ގެނައީ މެންދުރު އެކެއް ޖަހަނިކޮށް، އެންމެންގެ ހާލު ވެސް ރަނގަޅު. އެ މީހުން މިހާރު ބައިތިއްބާފައި ތިބީ މި ރަށު ގެސްޓް ހައުސްއެއްގައި،" އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަނީ ދެ ބިދޭސީއަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގިއިރު މިއަދު މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯހެވެ.
މިއަދު ހެނދުނު ހިނގި ކަނޑުމަތީގެ އެހެން ހާދިސާއެއްގައި ކ. މާފުށީ ބޭރުގައި އޮންނަ ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ، އެ އުޅަނދު އެއްކޮށް ވަނީ ފުނޑުފުނޑުވެފަ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު، ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. އަދި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.