އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ އިއުލާން ކުރައްވައި، އަދި ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝާހިދުގެ ކެންޑިޑެސީ އިއުލާން ކުރައްވަން ހާއްސަ ކޮށްގެން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އިގުތިސާދީ އިޖުތިމާއީ ގިނަ މައްސަލަތަކާ އެކު ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި އެކަން އަނެއްކާވެސް ހައްލު ކުރެވޭނީ އެމްޑީޕީ އަށް ކަމަށެވެ. ރައްޔިތުން އެދުނު ކޮންމެ ބަދަލެއް ގެނައުމުގެ މޭސްތިރިންނަކީ އެމްޑީޕީގެ މެންބަރުން ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރައްވަން ނިންމެވީ އެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށެވެ. އޭނާ އަށް އެމްޑީޕީގެ ތެރެއިން ހުރިހާ ފިކުރެއްގެ މެމްބަރުން ގޮވައިގެން މަސައްކަތް ކުރެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު ދިވެހިރާއްޖެ މި އޮތް ހާލަތު ބަދަލުކުރުމަށްޓަކައި ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންނާ އެކު، އެއް ޖޯޝެއްގައި އެއް ރޫހެއްގައި އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މި ވަނީ ޖެހިފައި. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ އަޒުމުގައި، މާތް ﷲގެ ހަޒުރަތުން ވާގި އެދި ހުރެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުވެއްޖެ ނަމަ އެ ޕާޓީގެ ހުރިހާ އާއްމު މެމްބަރުންނާ އެކު، މަސައްކަތް ކުރެއްވޭނެ ކަމަށާއި އަދި އޭނާ ވާނީ ކަންކަން ޑެލިވާ ކުރެވޭނެ ބޭފުޅަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"މުޅި ގައުމުގެ ލާބަޔާ މަސްލަހަތު އިސްކޮށް، ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ހަމަހަމަ ފުުރުސަތު އޮތް ސާދާ ވެރިކަމެއް ކޮށްދޭނެ މީހަކަށް، ރައްޔިތުންގެ ހާދިމަކަށް،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އަބަދުވެސް ރާއްޖެ އަށް ޑިމޮކްރަސީގެ ރީތި އުސޫލުތައް އުފަން ކުރުވާ ޕާޓީ ކަމަށާއި އެ ޕާޓީގެ ހުރިޙާ ކަމެއް ވެސް އަބަދުވެސް ކުރިއަށް ދާން ޖެހޭނީ އެ އުސޫލުތަކާ އެއްގޮތަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޕާޓީގެ މިނިވަން އިންސާފުވެރި ހަމަހަމަ އިންތިހާބީ ފުރުސަތުތަކާއި އެ އުސޫލުތައް ދަމަހައްޓަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އުސޫލުން އެމްޑީޕީގެ އިސް މަގާމެއްގައި ހުންނަވައިގެން އެ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ ގަބޫލުު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ކަމުން ޝާހިދު މިރޭ އިސްތިއުފާ ދެއްވި އެވެެ.
"ޕާޓީގެ ރައީސްކަމުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި މަސައްކަތްކޮށްފައި ވާނީ މިދެންނެވި އުސޫލުން. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރުމާ އެކު، މިއަދުން ފެށިގެން ފެށިގެން ޕާޓީގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާދީފިން،" ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގަ އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ފުރަތަމަ ސިޔާސީ މަސައްކަތް ކުރެއްވީ މައުމޫނުގެ އަރިހުގަ އެވެ. އަދި މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި އިސްކޮށް މަސައްކަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.