އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން މި ވަގުރު ރަނިންމޭޓުން އިއުލާން ކުރައްވާތީ އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބަށް ނުކުންނަވައި އެ މަނިކުފާނުގެ ރަނިންމޭޓަކީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް އިއުލާން ކުރައްވާފައިވަނިކޮށް، އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖުގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނައިރު، އެހެން ޕާޓީތަކާ ވާހަކަ ދައްކައި، އެއްބަސްވުންތައް ގާއިމްކުރެވޭނެ ގޮތަކަށް ތިބުން ބޭނުންތެރި ކަމެއް ކަމަށެވެ.
ރަނިންމޭޓު ކަމަކީ އެހެން ޕާޓީތަކާ މަޝްވަރާކުރާއިރު، އެމްޑީޕީން އިތުރު ފައިދާއަކަށް ބޭނުންކުރާ އެއްޗެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ފައިދާ ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލު ނުކުރައްވާނެ ކަމަށް އުއްމީދުކުރަން،" އެ މެސެޖުގައި ވެ އެވެ.
ގައުމީ މަޖިލީހުގެ މެމްބަރެއްގެ ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވާ ގޮތެއް ވެސް ބެލުން ބޭނުންތެރި ކަމަށެވެ.
"އެއްބުރުން އެމްޑީޕީ މޮޅުވާނެ ފޯމިއުލާއެއް ހޯދުމަކީ ބޭނުންތެރިކަމެއް. އަދި ޕީއެންސީ ރޫޅޭނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ،" ނަޝީދު ފަހުން ފޮނުއްވި މެސެޖުގައިވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހަތަރު ބޭފުޅަކު ވަނީ މިހާތަނަށް އިއުލާންކުރައްވައިފަ އެވެ. އެއީ ފައިސަލްގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދެވެ.
އެ ބޭފުޅުންގެ ތެރެއިން ރަނިން މޭޓަކު މިހާތަނަށް އިއުލާންކުރެއްވީ ފައިސަލް އެކަންޏެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ފައިސަލް އިއްޔެ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ "ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން" ނެވެ.
ފައިސަލްއާ އެކު އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހުންނެވުން ވަރަށް މުހިންމު ކަމަށެވެ.
"އެގޮތުގެ މަތިން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސެއްގެ ގޮތުގައި ކުރިއަށް ދާން އަޅުގަނޑު މި ހުރީ ތައްޔާރުވެގެން. އެއީ އަޅުގަނޑުމެން ދެ މީހުން އެއްކޮށް ކުރާ މަސައްކަތަކީ،" އާޒިމް ވިދާޅުވި އެވެ.