ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަވިއްސާރައިގައި ކ. މާފުށީގެ ފަރުމައްޗަށް މިއަދު ހެނދުނު ލައްވި ސަފާރީގެ ބައިތައް އެ ރަށުގެ ފަޅުތެރެއަށް ލައްގަމުންދާތީ އެ ތަކެތި ނަގައި ބަނދަރު ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ މައި ހަބް ކަމަށް މަޝްހޫރު މާފުށީގެ ބޭރުގައި އޮތް ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ) ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ ވަނީ ފުނޑުފުނޑުވެފަ އެވެ.
މާފުށީ ކައުސިލްގެ ނައިބު ރައީސް ހުސައިން އަމީލު "މިހާރު" އަށް މިރޭ ވިދާޅުވީ، ސަފާރީގެ ބައިތައް ރަށުގެ ބަނދަރަށް ވަންނަމުންދާތީ ސާފުކުރުމުގެ މަސައްކަތް ރައްޔިތުންނާއި ކައުންސިލްގެ އިތުރުން މުއައްސަސާތަކުން ގުޅިގެން ފަށާފައިވާ ކަމަށެވެ.
"ބަނދަރުގެ ބޭރަށް ސަފާރީ އަރާފައި އޮތީ، އެކަމަކު ނެރުން ލާފައި ވަރަށް ބޮޑެތި ލަކުޑި ގަނޑުގަނޑު އެބަ ވަދޭ ފަޅަށް. ވަރަށް ބައިވަރު ލަކުޑި، މި ރަށު ފަޅަކީ އަބަދު ވެސް އުޅަނދުތައް ދަތުރުކުރާ ފަޅެއް ވީމާ ސާފު ކުރުމުގެ މަސައްކަތް މި ކުރަނީ. ވަންނަމުންދާ ވަރަކަށް ސާފު ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
ސަފާރީގެ ހަލާކު ނުވެ އޮތީ ގެގަނޑު އެކަންޏެވެ.
އާމިލު ވިދާޅުވީ ކައުންސިލުން މިވަގުތު އެންމެ އިސްކަމެއް ދެނީ ފަޅަށް ވަންނަ ލަކުޑިތައް ނެގުމަށް ކަމަށެވެ.
އެ ހާދިސާ ހިނގިއިރު ސަފާރީގައި ހަ ފަޅުވެރިން ތިއްބެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ކައުންސިލުން ބުންޏެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު މޫސުން އެންމެ ގޯސްވެ ވައިބާރުވި ވަގުތު އެވެ.
މާފުށިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ހެނދުނު އައި ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ދިއުމުގެ ސަބަބުން އެ ސަފާރީ ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ، ދިހަވަރަކަށް މިނިޓުގެ ތެރޭގައި މުޅި ސަފާރީ އެއްކޮށް ފުނޑުފުނޑުވި ކަމަށެވެ.
އެއީ މާފުއްޓަށް ދާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެ ރަށު ބޭރުގައި އަބަދުވެސް ބާއްވާފައި އޮންނަ ސަފާާރީއެކެވެ.