ކ. މާފުށީ ބޭރުގައި އޮންނަ ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ) ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ ފުނޑުފުނޑު ވެއްޖެ އެވެ. 

 މި ހާދިސާ ހިނގީ މިއަދު ހެނދުނު މޫސުން އެންމެ ގޯސްވެ ވައިބާރުވި ވަގުތު އެވެ. 

އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު އައި ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ދިއުމުގެ ސަބަބުން އެ ސަފާރީ ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ، ދިހަވަރަކަށް މިނެޓުގެ ތެރޭގައި މުޅި ސަފާރީ އެއްކޮށް ފުނޑުފުނޑުވި ކަމަށެވެ. 

ސަފާރީ ފަރުމައްޗަށް ބީހުމުން އޭގައި ތިބި ބައެއް މީހުން މޫދަށް ފުއްމާލާތަން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ. 

ފުލުހުން ބުނީ މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ވާ ކަނޑައިގެން ގޮސް، އެ ރަށު ބަނދަރުގެ ބޭރުތޮއްޓަށް ލައްވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 10:15 ހާއިރު ކަމަށެވެ. 

މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ހަ މީހަކު ތިިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

އެއީ މާފުއްޓަށް ދާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެ ރަށު ބޭރުގައި އަބަދުވެސް އޮންނަ ސަފާާރީއެކެވެ. 

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. 

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. އަދި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.