ކ. ގާފަރު ކައިރިއަށް މިއަދު ބަންޑުން ޖަހާލި ކޮޅުވެއްޓިއަކުން ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ އެވެ.
އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 10 މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާއިރު ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކޮޅުވެއްޓީގައި ތިބީ 8 ބިދޭސީއަކާއި ދެ ދިވެއްސެކެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީއަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިއަދު ހެނދުނު ހިނގި ކަނޑުމަތީގެ އެހެން ހާދިސާއެއްގައި ކ. މާފުށީ ބޭރުގައި އޮންނަ ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ އެ އުޅަނދު އެއްކޮށް ވަނީ ފުނޑުފުނޑުވެފަ އެވެ.
ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގިއިރު މިއަދު މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯހެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓު މެންދުރު ފަހު 3:30 އާ ހަމައަށް މިހާރު ވަނީ ދަންމާލައިފަ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. އަދި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.