އެފްރިކާގައި ހަލުވިކަމާ އެކު އެބޯލާ ރޯގާ ފެތުރެމުން ދާތީ އެ ބައްޔަށް މޮނިޓަކުރުމުގެ ގޮތުން، އިންޑިއާއަށް ދާ އެންމެން މިހާރު ހުށަހަޅަންޖެހޭ "ހެލްތު ސެލްފް-ޑިކްލަރޭޝަން" ފޯމް އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ސަވައިލެންސް ވަރުގަދަކުރުމުގެ ގޮތުން އިންޑިއާއިން "އެއާ ސުވިދާ 2.0" ގެ ނަމުގައި މިގޮތަށް ހަމަޖެއްސީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ފޯމު ހުށަހެޅި ނަމަވެސް މިހާރުވެސް ހުށަހަޅަންޖެހޭ އިމިގްރޭޝަން ފޯމު (އީ-އެރައިވަލް ކާޑް) ވެސް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ބުރާސްފަތި ދުވަހު ބުނީ، "ކޮންޓެކްޓުވާން ނުޖެހޭ" އިންތިޒާމެއް ހަމަޖެއްސުމަށް ހެދި މި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް، ބައިނަލްއަގުވާމީ ދަތުރުވެރިން ފްލައިޓަށް އެރުމުގެ 24 ގަޑިއިރުގެ ކުރިން އޮންލައިންކޮށް ފޯމު ފުރައި ހުށަހަޅަންޖެހޭނެ ކަމަށެވެ.
އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ ސެންޓްރަލް އެފްރިކާގައި ފެތުރެމުންދާ މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.
އިންޑިއާއަށް އެތެރެވުމުގެ ކުރިން ކޮންމެ ގައުމެއްގެ މީހަކު ވެސް "އެއާ ސުވިދާ 2.0" ޕޯޓަލް އިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އިންޑިއާ މީހުން ވެސް މިކަމުން އިސްތިސްނާ ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އިންޑިއާއަށް އެތެރެވާއިރު އިމިގްރޭޝަން މަރުހަލާ އަވަސްކުރުމަށް، ވެބް ޗެކް-އިން ވާއިރު airsuvidha.civilaviation.gov.in އިން މި ހެލްތު ސެލްފް-ޑެކްލަރޭޝަން ފޯމު ފުރުމަށް އިރުޝާދު ދީފަ އެވެ.
މި ފޯމުގައި މައިގަނޑު ތިން ކަމެއް ފުރިހަމަކުރަންޖެހެ އެވެ. އެއީ ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ތާރީހުތައް، އެބޯލާ ބަލި ފެތުރިފައިވާ ސަރަހައްދަކަށް ގޮސްފައިވޭތޯ ނުވަތަ އެފަދަ މާހައުލަކަށް ހުށަހެޅިފައިވޭތޯ އަދި ހުން އައުމާއި ގައިގައި ރިއްސުން ނުވަތަ ލޭއައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމެވެ.
މި ފޯމު އޮންލައިންކޮށް ހުށަހެޅުމަށް ފަހު އެ ފޯމު ޑައުންލޯޑްކުރެވޭނެ އެވެ. އަދި އިންޑިއާއަށް އެތެރެވާއިރު "އިންޓަނޭޝަނަލް ޓްރެވަލް ހެލްތު ޑެސްކް" ނުވަތަ އިމިގްރޭޝަން ކައުންޓަރަށް ދައްކަން ޖެހޭނެ އެވެ. އެއާޕޯޓުގައި އެއްވެސް ކަރުދާސް ފޯމެއް ފުރާކަށް ނުޖެހޭނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް، ފޯމުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް އެއާޕޯޓުގެ ހެލްތު އޮފިސަރުންނަށާއި، އިމިގްރޭޝަން އޮފިޝަލުންނަށާއި، ސްޓޭޓް ހެލްތު ސަވައިލެންސް ޓީމުތަކަށް ލިބޭނެ އެވެ. އެހެންވެ، ކޮންޓެކްޓްވުމެއް ނެތި، ނުރައްކާ އޮތް ދަތުރުވެރިން ދެނެގަނެ، ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށް ލިބޭނެ އެވެ.
މި މަހުގެ މިހާ ހިސާބަށް އެބޯލާގެ 1,225 ކޭސް އެކި ގައުމުތަކުން ފެނިފައިވެ އެވެ. އަދި މި ބަލީގައި 323 މީހުން ވަނީ މަރުވެފަ އެވެ. މި ފަހަރު ފެތުރެނީ އާންމުކޮށް ނުފެންނަ "ބަންޑިބުގްޔޯ" ވައިރަސް ސްޓްރެއިން އެކެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މެދުތެރޭ އެފްރިކާގަ އެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) އިން 1,203 ކޭސް ފެނިފައި ވާއިރު އެ ގައުމުން ވަނީ 321 މީހުން ބަލީގައި މަރުވެފަ އެވެ. ޔުގެންޑާ އިން 20 ކޭސް ކަށަވަރުވެ، ދެ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ގިނައީ ޑީއާރްސީއަށް ދަތުރުކޮށްފައިވާ މީހުންނެވެ.
ފްރާންސް އަދި ޖަރުމަނުންކުރެ ކޮންމެ ގައުމަކުން 1 ކޭސް ވަނީ ފެނިފަ އެވެ. މިއީ ޑީއާރްސީގައި މަސައްކަތް ކުރި ސިއްހީ އެހީތެރިންނެވެ.
މިހާރު ފެތުރެމުންދާ "ބަންޑިބުގްޔޯ" ސްޓްރެއިން އަށް ހާއްސަ ވެކްސިނެއް ނުވަތަ ބޭހެއް އަދި ހޯދިފައެއް ނުވެ އެވެ. މިއީ އެބޯލާގެ ތާރީހުގައި ވެސް ފުރަތަމަ މަސްދުވަސް ތެރޭގައި އެންމެ ހަލުވިކަމާ އެކު ފެތުރުނު ފަހަރެވެ.