ބޭސް ނުލިބޭ މައްސަލަ އަކީ އޯވަނައިޓަކުން ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި މިއީ އެ މައްސަލަ ބޮޑުވަމުން ދިޔައިރު ވެސް އެކަން ހައްލުކުރަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވި ދިގުލައިގެން ދިއުމުގެ ނަތީޖާ ކަމަށް ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭސް ނުލިބޭ މައްސަލަ ހައްލުނުވެ، އެކަން ދިގުލައިގެން ދާތީ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި، އެމްއެފްޑީއޭ ހިންގެވުމުގައި ވެސް މީގެ ކުރިން އިސްކޮށް ހުންނެވި ޝާހު ވިދާޅުވީ މުޅި ރާއްޖެއަށް ބޭހުގެ މައްސަލަ ދިމާވީ އޯވަނައިޓަކުން ނޫން ކަމަށެވެ.
އާއްމުންނަށް އޭގެ ތަކުލީފު ބޮޑުވާން ފެށީ މަޑުމަޑުން އެ މައްސަލަ ބޮޑުވަމުން ދިޔައިރު ވެސް އެކަން ހައްލުކުރަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވި، އެންމެ ފަހުން ސިސްޓަމްގައި ރެނދުލައިގެން ދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއަށް ހައްލު ހޯދައިގެން އަޅުގަނޑުމެން ކުރިއަށްދާ ގޮތަށް މިހާރު ނިމިފައި އޮތީ،" ޝާހު ވިދާޅުވި އެވެ.
ޝާހު ދެއްކެވި ވާހަކައިގެ ހުލާސާ
- ރާއްޖެއިން ލިބެން ހުންނަ ބޭސް އެނގޭނެ ގޮތެއް ނެތް
- އާބާދީ ކުޑަވުމުން، ބޭސް އުފައްދާ ކުންފުނިތަކުގެ ޝައުގު ނެތުން. ނަތީޖާއަކީ ރާއްޖެއަށް ބޭނުންވާ ވަރަށް ބޭސް ހޯދަން އުނދަގޫވުން
- ބޭސް މާކެޓުގެ 70 ޕަސެންޓު ކޮންޓްރޯލް އޮތީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގައި، އެސްޓީއޯއަށް އޮތީ 30 ޕަސެންޓު
ޝާހު ވިދާޅުވީ ބޭސް ހުރި ތަންތަނުގެ މައުލޫމާތު ހޯދަން އުނދަގޫވާ ކަމަށެވެ. އެކަމުގެ ހައްލަކަށް ސަޕްލައި ޗެއިން މޮނީޓާކުރާނެ އީއާރުޕީ ސިސްޓަމެއް ގެންނާނެ ކަމަށާއި އޭރުން އެ ފާމަސީތަކުގައި ހުރި ބޭސްތައް ވަގުތުން ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސިސްޓަމް ރަނގަޅަށް ހިނގައިގަންނަން ފެށުމުން ރާއްޖެއަށް ބޭނުންވާ ބޭސް ހޯދަން ދުރާލައި ލަފާކުރަން ފަސޭހަވާނެ ކަމަށާއި އެއީ ކޮން ވައްތަރެއްގެ އަދި ކިހާ ބޭހެއްކަން އެނގުމުން ބަލްކު ފޯކާސްޓުކޮށް ކުއަންޓިޓީކޮށް ހޯދަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ އިތުރުން ޝާހު ވިދާޅުވީ ބޭހުގެ ކޮންޓްރޯލް ސަރުކާރަށް ނެގުން މުހިންމު ކަމަށެވެ.
"ހަނޑޫ، ހަކުރު، ފުށް ރާއްޖޭގައި ކޮންޓްރޯލްކުރާ ގޮތަށް އޭގެ އަގުތައް، ބޭހާއި އޭގެ ކުއަންޓިޓީ އެވައިލަބްލް ކުރާ ގޮތަށް ބޭހަކީ ވެސް އަސާސީ ޕްރޮޑަކްޓަކަށް ވާތީ ސަރުކާރުގެ އެންމެ ފަހުގެ ނިންމުމާ އެއްކޮށް އަޅުގަނޑުމެންނަށް މީގެ މާކެޓު ކޮންޓްރޯލް ކުރެވޭނެ ގޮތަށް ބައްޓަން ކުރެވިގެންނޭ އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ،" ޝާހު ވިދާޅުވި އެވެ.
"އޭގެ މާނައަކީ ޕްރައިވެޓް ސެކްޓާއަށް ޖާގަ ނޯންނަ ގޮތަކަށް އެކަން ކުރާ ވާހަކައެއް ނޫން. ޕްރައިވެޓް ސެކްޓާއާ ގުޅިގެން، ޕްރައިވެޓް ސެކްޓާއިން ގެންނަ ބޭސް ވެސް ދުރާލައި އެނގިގެން، ޕްރައިވެޓް ސެކްޓާއިން ވެސް އެތެރެކުރާ ބޭހުގެ ކުއަންޓިޓީއާ އެއްޗެހި އެނގި، އެ މީހުންނަށް ވެސް ބަރޯސާ ވެވޭ ގޮތަކަށް އެކަން ކުރުމޭ މީގެ ލޯންގު ޓާމް ޕްލޭނަކަށް ވާންޖެހޭނީ."
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރާ ބޮޑު ހޭދައިގެ 60 ޕަސެންޓު ދަނީ ފާމަސީތަކަށް ކަމަށެވެ. ނަމަވެސް، އާސަންދަ ސްކީމްގެ ތެރެއިން ވެސް ބޭސް ނުލިބޭ މައްސަލަ ވަރަށް ބޮޑުވެ، އާއްމުންގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދައިން އަމަލުކުރަނީ އެމްއެފްޑީއޭގެ އެޕްވްރޫވްޑް ޑްރަގް ލިސްޓު (އޭޑީއެލް) އަށެވެ. އެ ލިސްޓުގައި ހިމެނި އަދި ކަވަރޭޖު ލިބޭ ބޭސްތަކަށް ޖީބުން ހަރަދު ނުކޮށް ބޭސް ލިބުނަސް ބޭސް ފިހާރައެއް ރަޖިސްޓްރީކުރާއިރު ވެސް އެޕްވްރޫޑް ޑްރަގް ލިސްޓު ރަނގަޅަށް ބަލާފައި ނުހުންނަކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާސަންދައިގައި އެމްޕެނަލް ވާން ހުށަހެޅުމުން އަސާސީ ބޭސް ހުރިތޯ ބަލާ ކަމަށެވެ. އަދި އެކަން ބަލަން ފެށުމުން ފާމަސީތަކުގެ އުނދަގޫތައް ކުރިމަތިވާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނެގޭ ވަރަކުން ފިޔަވަޅު އަޅަން، މިނިމަމް ބޭސް ހުރެގެންނޭ އެމްޕެނަލް ކުރެވޭނީ." ޒީނިޔާ ވިދާޅުވި އެވެ.
ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު ވެސް ސަރުކާރުން ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ޖެނެރިކް ނަމުން ބޭސް ލިޔެދޭން ފެށުމެވެ.
ޒީނިޔާ ވިދާޅުވީ ޖެނެރިކް ނަމުން ބޭސް ލިޔެދޭން އެންގިއަސް އެކަން ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ. އެއީ ޖެނެރިކް ނަން ލިޔުމުން ކޮލެޓީ ދަށް ބޭސްދޫކުރާ ކަމުގެ ޝަކުވާ ބޮޑުވުމުންނެވެ. ނަމަވެސް، އޭޑީއެލްގައި ރަޖިސްޓްރީވާނީ ކޮލެޓީ ރަނގަޅު ބޭސްކަން ޒީނިޔާ ފާހަގަކުރެއްވި އެވެ.
ބޮޑު ފައިދާއެއް، ބަލްކު ޕްރޮކިއުމަންޓުން މަދު ބޭހެއް، އެމްއާރުޕީ ވެސް ނެތް
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު ބުނާގޮތުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު، އެމްއާރުޕީ ކަނޑައަޅަންޖެހެ އެވެ. ކުރީގެ ސަރުކާރުން އެކަމަށް ވަގުތުތަކެއް ދިނަސް، ފާމަސީތަކުގެ ކަންބޮޑުވުންތަކާ ހެދި އެމްއާރުޕީ ތަންފީޒެއް ނުވި އެވެ. އޭގެ އިތުރުން ބޭހުގެ މައްސަލަ ހައްލުކުރަން ޔޫއެންޑީޕީއާ ފިނޭންސް މިނިސްޓްރީއާ ގުޅިގެން ބަލްކު ޕްރޮކިއުމަންޓު އުސޫލުން ބޭސް ގެންނަން ފެށި އެވެ.
ޒީނިޔާ ވެސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ބޭހުގެ އަގުތައް ހުރީ 500-600 ޕަސެންޓުގެ ފައިދާ ލާފައި ކަމަށާއި އޭގެ ހައްލަކަށް ބަލްކު ޕްރޮކިއުމަންޓު ގެނައި ކަމަށެވެ. ނަމަވެސް، ބަލްކުކޮށް އަދި ގެނައީ ވަރަށް މަދު ބޭހެއް ކަމަށާއި އޭގެ އަގުތައް ކޮންޓްރޯލްވާނެ ކަމަށް ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވީ އެ ހުރިހާ ކަމަކާ އެކު ވެސް ބޭސް ލިބުން ދަތިވަނީ ހަގީގަތުގައި ކޮން މައްސަލައަކާ ގުޅިގެންތޯ ބަލަންޖެހޭ ކަމަށެވެ. އާސަންދައިގައި 800 އަށްވުރެ ގިނަ ފާމަސީ އެމްޕެނަލްވެ އޭޑީއެލްގެ ތެރެއިން 3،000 އަށްވުރެ ގިނަ ބޭސް ވެސް ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު، އަދި ވެސް މީހުންނަށް ބޭހެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރު މަރިޔަމް ފަޔާޒާ ވިދާޅުވީ ބަލްކު ޕްރޮކިއުމަންޓު އުސޫލުން 25 ބޭހެއް އާސަންދައިން ދޫކުރާ ކަމަށާއި އަދި އަގުހެޔޮކޮށް އެ ބޭސް ލިބޭތީ، އަގުހެޔޮކޮށް ބޭސް ދޫކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޔާޒާ ވިދާޅުވީ އެކަމާ ގުޅޭ އިތުރު ބޭސްތަކުގެ އަގު ރިވައިސްކޮށް، ރަޖިސްޓްރީކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭ ކަމަށާއި އެގޮތަށް ރަޖިސްޓްރީކުރުމުން ގޮންޖެހުންތައް ދިމާވާ ކަމަށެވެ.
"ދެން މި ހުންނަ ބޭސްތަކަކީ އާސަންދަ ރޭޓެއް ކަނޑައެޅިފައި އޮންނަ ބޭސްތަކެއް. ގައުމުގައި މި ވަގުތަކު ނެތް މެކްސިމަމް ރީޓެއިލް ޕްރައިސަސް [އެމްއާރުޕީ] ސެޓްކޮށްފައެއް. އެގޮތަށް ސެޓުކުރުމުގައި ގޮންޖެހުންތައް އާދޭ ހޯލްސޭލް ރޭޓެއް ކަނޑައެޅިފައި ނީންނާތީ. ބަލްކު ޕްރޮކިއުމަންޓުގެ ތެރެއިން އަގު ކަނޑައެޅީމަ އެ ބޭހަކާ ގުޅުން ހުރި ބޭސް ދޫކުރުމުގައި ޗެލެންޖަސްތަކެއް އެބަ އާދޭ. ޕްރައިވެޓް ސެކްޓާއިން ހަމަ މި އިޝޫތައް އަންނަނީ." ފަޔާޒާ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާތަނަށް ބޭސް އެތެރެކުރަމުން ދިޔަ ސަރުކާރުގެ ކުންފުނި، އެސްޓީއޯގެ ޕްލޭނިން މެނޭޖަރު ފާތިމަތު ލިމްޔާ ވިދާޅުވީ އެ ކުންފުނީގެ ފާމަސީތަކުގައި ހުރި ސްޓޮކް ވަގުތުން އެސްޓީއޯގެ ހެޑް އޮފީހަށް ފެންނާނެ ކަމަށެވެ. އެއް ރަށުން ނުލިބޭ ބޭހެއް އެހެން ރަށަކުން ހޯދައިގެން ވެސް ފޮނުވައިދޭ ނިޒާމެއް އޮންނަ ކަމަށާއި އެކަމަކު އެއްވެސް ޕްލެޓްފޯމަކުން ޑޮކްޓަރުންނަށް އެ ބޭސްތަކެއް ނުފެންނާނެ ކަމަށް ލިމްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭސް އެތެރެކުރަން 62 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އޭޑީއެލް ލިސްޓުގައި 4،000 އަށްވުރެ ގިނަ ބޭސް ހިމެނުނަސް، ޑޮކިއުމަންޓުތައް ހަމަވެ، ރާއްޖެ ގެނެވެނީ 1،300 ބޭސް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެމްއެފްޑީއޭއިން ގެނައި ބަދަލުން އެސްޓީއޯއިން މަދު ޑޮކިއުމަންޓު ހުށަހަޅައިގެން 2،000 ބޭސް ގެނެވޭ ކަމަށާއި އެކަމަކު އެގޮތަށް ބޭސް ގެނެވޭނެ ތަނެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިމަޖެންސީ މެޑިސިން ލިސްޓުގެ 90 ޕަސެންޓު އެކްރެޑިޓެޑް ހޮސްޕިޓަލުތަކުން މިދިޔަ އަހަރު ހަމަކޮށްފައިވާ ކަމަށާއި އެކަމަކު އެ ގޮތަށް ބޭސް ގެނައުމަކީ ވަގުތީ ހައްލެއްކަން ލިމްޔާ ވެސް ފާހަގަކުރެއްވި އެވެ.