ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްތައް ގެނައުމުގެ މަސައްކަތްތައް އާ ކުންފުނީގެ ދަށަށް ބަދަލުވާނީ އަންނަ ޖުލައި 1 ގެ ފަހުން ކަމަށް ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭހުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ޝާހު ވިދާޅުވީ އާ ކުންފުނީގެ މަސައްކަތްތައް ފެށިއަސް، އަދި ވެސް ގިނަ ކަންކަން ކުރަނީ އެސްޓީއޯ އިން ކަމަށެވެ.
ރާއްޖެ އަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް މި ވަގުތު ގެންނަމުން ދަނީ އެސްޓީއޯއިންނެވެ.
ޝާހު ވިދާޅުވި ގޮތުގައި އަލަށް ކުންފުންޏެއް އުފައްދައި، ހުރިހާ ކަމެއް އެއް ފަހަރާ ބަދަލުކުރުމަކީ އުނދަގޫ ކަމެކެވެ. އެހެންވެ، ފަހަރަކު ކަމެއް ފަށައި، ރާއްޖެ އިން ނުލިބޭ ބޭސް ގެނެސްދިނުމަށް މިދިޔަ މަހުގެ އެކަކުން ފެށިގެން ސްޓޭޓް ފާމާއިން ހަވާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފާމަސީތައް އަދި ވެސް ހިންގަނީ އެސްޓީއޯއިން އެވެ.
ޝާހު ވިދާޅުވީ އެ ހުރިހާ ތަނެއް ވެސް އަންނަ ޖުލައި އެކަކުން ފެށިގެން ސްޓޭޓް ފާމާގެ ދަށަށް ބަދަލުވާނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބުލް ވެސް އެ ހިސާބުން ފެށިގެން ގެންނާނީ އާ ކުންފުނިން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތަކާ ހަވާލުވެ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނަތީޖާ ފެންނަން ފަށާނެ ކަމަށެވެ.
"މި މަސައްކަތް ފަށައިގެން ކުންފުނި ބިނާކުރުމުގެ މަސައްކަތް މި ކުރެވުނީ. އެއާ އެކު، މި މައްސަލައިގެ ފުޅާމިނާއި ދިރާސާތައް މި ނިންމީ. ނިންމީމަ އަޅުގަނޑުމެންނަށް ފާހަގަވާ އެންމެ ބޮޑު ކަމަކީ ރާއްޖޭގައި ރަނގަޅު ސިސްޓަމެއް ނެތްކަން ބޭހުގެ ނިޒާމު ދެނެގަންނަން. ސްޓޮކް ހުރި އަދަދާއި އޭގެ ލެވެލް އާއި އޭގެ ފޯކާސްޓު ރަނގަޅަށް ހަދަން ދަތި ގޮތަކަށް އޮތީ،" ޝާހު ވިދާޅުވި އެވެ.
"...އަޅުގަނޑުމެން މިއާ ހަވާލުވާ ހިސާބުން އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭހުގެ ސްޓޮކް ލައިވްކޮށް އެނގޭނެ ނިޒާމެއް އަޅުގަނޑުމެން ގެންނާން. އެ މަސައްކަތް ކުރެވެމުން މި ދަނީ."
ރާއްޖެ އިން ނުލިބޭ ބޭސްތައް ކޮންމެ ފަހަރަކު ބޭރުން ގެނެސްދިނުމަކީ ހައްލެއް ނޫން ކަމަށް ޝާހު ވިދާޅުވި އެވެ. އެކަމަށް، ދާއިމީ ހައްލެއް ގެނެސް، ފަސޭހައިން ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.