މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސްގެ ހާއްސަ ސްކޮލަޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.

"ކުރި" ޕޯޓަލް މެދުވެރިކޮށް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ސެޕްޓެންބަރު 30ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން މި އަހަރު ވަނީ ނިންމައިފަ އެވެ. އެގޮތުން ދޭން ނިންމީ 6000ރ. ގެ އެލަވަންސެކެވެ. އެ ސްކޮލަޝިޕް ދެން ލިބޭނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދުމުންނެވެ.

ކުރިން އޮންނަ ގޮތުން ނަމަ ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ. ނަމަވެސް މި އަހަރު ގެނައި އަނެއް ބަދަލާ އެކު އެ ސްކޮލަޝިޕް ދެން ލިބޭނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދައިގެންނެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އުސޫލުގައި ކުރިން އޮންނަނީ ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔަވާ ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުން އޭ އެއް ހޯދައި ދިވެހިން ވެސް އޭ ފާހެއް ހޯދަން ޖެހޭ ގޮތަށެވެ. އެކަމަކު އާ އުސޫލުގައިވާ ގޮތުން، އަރަބިއްޔާގެ ދަރިވަރުން ކިޔަވާ ސްޓްރީމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން އޭ ސްޓާ ހޯދަން ޖެހެ އެވެ. 

ރައީސްގެ ސްކޮލަޝިޕް ލިބޭ އުސޫލަށް ބަދަލެއް ނުގެނެ އެވެ. އެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީ އަށް ވުރެ މަތީ ފާހެއް ހޯދާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.