ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ އުސޫލަށް ގެނައި ބަދަލާ އެކު މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކުރިން އޮންނަ ގޮތުން ހައި އެޗީވާސް ސްކޮލާޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ.
ނަމަވެސް ރޭ އާންމު ކުރި އުސޫލުގައިވާ ގޮތުން އެ ސްކޮލާޝިޕް ދެން ލިބޭނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދައިގެންނެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އުސޫލުގައި ކުރިން އޮންނަނީ ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔަވާ ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުން އޭ އެއް ހޯދައި ދިވެހިން ވެސް އޭ ފާހެއް ހޯދަން ޖެހޭ ގޮތަށެވެ.
އެކަމަކު އާ އުސޫލްގައިވާ ގޮތުން، އަރަބިއްޔާގެ ދަރިވަރުން ކިޔަވާ ސްޓްރީމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން އޭ ސްޓާ ހޯދަން ޖެހެ އެވެ.
ރައީސްގެ ސްކޮލާޝިޕަށް ބަދަލެއް ނުގެނެ އެވެ. އެ ސްކޮލާޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދާ ދަރިވަރުންނަށެވެ.