ރާއްޖެއަށް ގެންނަން ޖެހޭ މުދަލުގެ ތެރެއިން ސްރީ ލަންކާގައި ތާށިވެފައި ހުރި 2،500 އަށް ވުރެ ގިނަ ކޮންޓެއިނާގެ މުދާ އަންނަ ހަފުތާފައި ރާއްޖެއަށް ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ މައްސަލަތައް ބަަލައި އެކަން މެނޭޖްކުރަން ރަައީސް އެކުލަވައިލެއްވި ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ސައީދު ވިދާޅުވި ގޮތުގައި އެ ކޮންޓެއިނާތައް ރާއްޖެއަށް ގެންނާނީ ތިން އުޅަނދަކުންނެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލާދީ ސައީދު ވިދާޅުވީ އެ ކޮންޓެއިނާތައް ގެނެވުމުން، މުދާ ލިބުން ލަސްވުމުގެ ދައްޗަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެެވެ.
"[އަޅުގަނޑުމެންނަށް އެމްޕީއެލް އިން މައުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި ގާތްގަނޑަކަށް 2،500 އަށް ވުރެ ގިނަ ކޮންޓެއިނާ ނުވަތަ ޓީއީޔޫގެ ތަކެތި، ތިން ވެެެސެލްއަކުން ދިވެހިރާއްޖެއަށް ގެންނާނެ، އެއީ ކުރިއަށް އޮތް ހަފުތާއަށް އަންދާޒާކުރާ މިންގަނޑަކީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަން ލަންކާގެ ބަނދަރަށް ބާލާ މުދާ ބައެއް ފަހަރު އެކީ ހުސްކުރެވުނު ނަމަވެސް އަނެއްކާ ވެސް އެތަަނަށް ޖަމާވާގޮތް ވަނީ އާގުބޯޓުފަހަރުގެ ދަތުުރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
މުދާ ގެނެސް ބަނދަރުން ނެރުން އަވަސްކުރަން އެމްޕީއެލްގެ ތެރޭގައި އާ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"ތަފާތު ގިނަ މައްސަލަތަކެއްގެ ސަބަބުން އައިސްގެން އުޅޭ ކްލޮގްވުމެއް [ތާށިވުމެއް] މިއުޅެނީ،" ސައީދު ވިދާޅުވި އެވެ.
ރާއްޖެއަށް ގެންނަ މުދާ ލަންކާގެ ބަނދަރުތަކަށް ބާލަން ޖެހެނީ މާލޭ ވިޔަފާރި ބަނދަރަށް ބޮޑެތި އާގުބޯޓުފަހަރު ގާތްކޮށްގެން މުދާ ބޭލުމުގެ ގާބިލުކަން ކުޑަވީމަ އެވެ. އެހެންވެ ލަންކާއަށް މުދާ ބޭލުމަށް ފަހު މާލޭ ބަނދަރަށް ގާތްކުރެވޭ ވަރުގެ ބޯޓުފަހަރަށް އަލުން އަރުވައިގެން ގެންނަން ޖެހޭތީ، ރާއްޖެއަށް މުދާ ގެނައުމުގައި މިހާރު ބަރޯސާވާން ޖެހެނީ ލަންކާގެ ބަނދަރުގައި މަަސައްކަތްހިނގާ ސްޕީޑަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަން ނިންމައި އެ ކަމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް ޗައިނާގެ ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ.