އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯނެއް ތަރައްގީކުރަން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.
އައްޑޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެގްރިމެންޓުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ހިދުމަތް މި މަހުގެ ތެރޭގައި ފަށާނެކަން އިއުލާން ކުރައްވައިފަ އެވެ.
އެމްޕީއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިސޯޓުތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކުރާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނީ އެފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.
"ބައިނަލްއަގުވަމީ ހިދުމަތްދޭ ޕޯޓް [އުތުރާއި ދެކުނުގައި] އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓުގައި އޮވެގެން ވިޔަފާރިއެއް ނުއުފެދޭނެ. އެ ތަންތަނުގައި ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،" ސައީދު ވިދާޅުވި އެވެ.
ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތައް ގާއިމްކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށް ވެސް ލިބޭނެ ލުޔެއް ކަމަށެވެ.
ރިޝްވާން ވިދާޅުވީ އަންނަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި މާލެ ވިޔަފާރި ބަނދަރު ވެސް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިޔަފާރި މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާއިރު، ސަރަހައްދީ ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަކީ ވެސް މުހިއްމު ކަމެކެވެ.
"އަޅުގަނޑުމެން އެންމެނަށްވެސް ލިބޭނެ އުފަލަކާއި ހިތްހަމަޖެހުމަކަށްވާނެ އަތޮޅުތެރެއަށް މި އަންނަ ކާގޯގެ އަގު ހެޔޮކުރެވ،ި އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުމުން،" ރިޝްވާން ވިދާޅުވި އެވެ.
އެއީ ދެމެހެއްޓެނިވި ތަރައްގީ އާއި ފުޑް ސެކިއުރިޓީ އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ދޭ އިސްކަން ރަމްޒުކޮށްދޭ މުހިއްމު މަޝްރޫއެއް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.