ބ. ތުޅާދު އާއި ތ. ވިލުފުށީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ. 

އެ މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އެ ދެ ރަށުގެ ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މިއަދެވެ. އެކަމަކު، ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ މުއްދަތު މި މަހުގެ ނިޔަލަށް ދީފަ އެވެ.

ކޮންމެ ރަށެއްގައި އިމާރާތްކުރި 100 ހައުސިން ޔުނިޓަށް ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް އެ ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓްކޮށް ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ތުޅާދޫ ކައުންސިލާ އެވެ.

އެކަމަކު ދޫކުރަން ކަނޑައެޅި އުސޫލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައި އިސްލާހު ކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.

އެކަމާ ގުޅިގެން ކުރި ހުކުމްގައި ވަނީ އުސޫލަށް ގެނައި ބަދަލަކީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށެވެ. އެހެންވެ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށް ހުކުމްކުރި ނަމަވެސް އޭގެ ފަހުން އެކި މައްސަލަތަކާ ހުރެ އެ ފްލެޓުތައް ހުރީ ހަވާލުނުކުރެވި އެވެ.

އެހެންވެ، އެ ފްލެޓުތަކުގެ މައްސަލަ ބޮޑުވެ، އެތަންތަން ހަވާލުކުރުމާ އެންމެ ފަހުން މިނިސްޓްރީން ހަވާލުވީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.

ވިލުފުށިން ދޫކުރަނީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމެއް އަދި ބަދިގެއެެއް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ. އެ އިން ކޮންމެ ހައުސިން ޔުނިޓެއް އިމާރާތްކޮށްފައި ވަނީ 2،000 އަކަފޫޓުގެ ބަންޑާރަގޯއްޗެއްގަ އެވެ.

ތުޅާދޫގައި އިމާރާތްކުރީ 1،100 އަކަފޫޓުގެ ހަައުސިން ޔުނިޓްތަކެކެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ބައެއް ހުރެ އެވެ.