ބ. ތުޅާދޫގައި މައްސަލަ ބޮޑުވެ، ދޫނުކުރެވި ދިގުލައިގެންދާ ފްލެޓުތައް ދޭނެ އުސޫލެއް ހަދައިފި އެވެ.

ހައުސިން މިނިސްޓްރީން މިިދިޔަ ބުދަ ދުވަހު އާއްމުކުރި އުސޫލުގައި ބުނީ 100 ހައުސިން ޔުނިޓު ދޫކުރާނީ ތުޅާދޫގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ވެފައިވާ މީހުންނަށް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި 600 އަކަފޫޓަށް ވުރެ ބޮޑު ތަނެއް ނެތުން ނޫނީ އެ ތަން ދޫކޮށްލަން އެއްބަސްވުމާއި މަސް ދުވަހަށް ޖެހޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑު ނުވުމަކީ ވެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ޝަރުތެކެވެ.

ހައުސިން ޔުނިޓަށް އެދެން ޖެހޭނީ އެކަމަށް ހުޅުވާލުމުން، ހިޔާވެހި ޕޯޓަލް އިންނެވެ.

މާކްސް ދިނުމުގައި އާއިލާގެ ކުޑަބޮޑުމިނާއި ދިރިއުޅުމުގެ ހާލަތަށް ބަލަ އެވެ. އަދި ދަރިއަކު ނުލިބެނީ ދެމަފިރިންގެ ތެރެއިން މީހެއްގެ ސިއްހީ މައްސަލައަކުން ނަމަ މެޑިކަލް ޕްރެކްޓިޝަނަރެއްގެ ލިޔުން ހުށަހަޅަންޖެހެ އެވެ.

ކުރީގެ ސަރުކާރުން ތުޅާދޫގައި އިމާރާތްކުރި ތިން ކޮޓަރީގެ ހައުސިން ޔުނިޓުތައް ނިންމައި 2022 ހިސާބުގައި ކައުންސިލާ ހަވާލުކުރި އެވެ. އަދި ކައުންސިލުން ވަނީ އެ ތަންތަން ދޫކުރާނެ އުސޫލު ހަދައި ފްލެޓު ލިބޭ މީހުން ކަނޑައަޅައިފަ އެވެ.

ނަމަވެސް، އެ ޔުނިޓު ދޫކުރަން ކަނޑައެޅީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ވެސް ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.

އެ މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައި ވަނީ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާއްމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށް ވާތީ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށެވެ.

އެކަމަކު، އޭގެ ފަހުން ވެސް އެކި މައްސަލަތަކާ ހެދި ފްލެޓުތައް ދޫކުރެވޭ ގޮތެއް ނުވެ އެވެ. އެހެންވެ، އެ ފްލެޓުތައް ދޫކުރަން އެންމެ ފަހުން މިނިސްޓްރީން މިދިޔަ މަހު ހަވާލުވި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ބައެއް ހަދަން ހަވާލުކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ޖުލައި 2019 ގަ އެވެ. އެއީ 79.6 މިލިއަން ރުފިޔާއަށެވެ.