ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އަންދާޒާކުރެވޭ ކަމަށާއި އެ ހާދިސާގައި ގެއްލުންވި އެ ރަށުގެ ތިން ދޯނި ވެސް އޮތީ އިންޝުއާ ނުކޮށް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވިއިރު ތެޔޮ ބަރުކޮށްފައި އޮތް ދޯންޏާއި އެއާ ޖެހިގެން އޮތް ރަށުގެ ފާނަ މަސްވެރިކަން ކުރާ ބޮޑު ދެ އުޅަނދު ކަމަށްވާ "ވިންދު" އާއި "ޓޭގެޓު" ގެ އިތުރުން އުޅަނދެއް ވެސް އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އޮތީ އަނދައިފަ އެވެ. އެ ހާދިސާގައި ރަށުގެ އައިސްޕްލާންޓާއި ޕެޓްރޯލް ޝެޑަށް ވެސް ގެއްލުންވިއިރު މި ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން މާލެ ގެނެސް މިހާރު ދަނީ ފަރުވާދެމުންނެވެ.
ފީއަލީ ކައުންސިލުގެ ރައީސް މޫސާ އަހުމަދު، "މިހާރު" އަށް ވިދާޅުވީ ހާދިސާގައި ރޯވި ތެޔޮ ބޯޓު އޮތީ އިންޝުއާކޮށްފައިކަން ސާފުނުވާ ކަމަށެވެ. އެކަމަކު އެވަރުގެ ބޮޑު ގެއްލުމެއް ލިބުނުއިރު ރަށުގެ ތިން ދޯނި ވެސް އޮތީ އިންޝުއާނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލަފާކުރެވެނީ 20 އަކަށް މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އަލިފާނުގައި އެނދި އެއް ދޯންޏަކީ މިދިޔަ ރޯދަ މަހުގެ ތެރޭގައި ބޮޑު މަރާމާތެއްކޮށްފައި ބާލާފައި އޮތް ދޯންޏެއް ކަމަށެވެ. އަދި އެއީ ރަށުގެ ތިން އާއިލާއެއް ކާންބޯން ކުރާ މަސައްކަތަށްވެފައި އޭގެ ސަބަބުން މީހުންނަށް ވެސް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ރޯދަ މަހުގައި ވަރަށް ބޮޑު މަރާމާތެއްކޮށްގެން، ގާތްގަނޑަކަށް 250،000ރ. ގެ ހަރަދެއްކޮށްގެން ބޭލި އެއް ދޯނި. އަދި އަނެއް ދޯންޏަކީ ވެސް ވަރަށް ބޮޑު މަރާމާތެއްކޮށްފައި އޮތް ދޯންޏެއް،" އޭނާ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ އެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ސަރުކާރުން ނުވަތަ ތެޔޮ ދޯނީގެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް މިވަގުތު އެކަމުން އެ މީހުންނަށް އަރައިގަނެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުންނަށް ލިބެންޖެހޭ ބަދަލު ނޫނީ ސަރުކާރުގެ ތެރެއިން އެ މީހުންނަށް ލިބެންޖެހޭ އެހީތެރިކަން ލިބިގެން ނޫނީ އެ މީހުންނަކަށް ނެތް ކުރިއަށް ދެވޭކަށް. ވަގުތުން ވަގުތަށް ވެސް އެ ކަހަލަ އެހީއެއް އެ މީހުންނަށް ލިބޭނެ ގޮތެއް ވުން ބޭނުންވަނީ."
ފީއައްޔަކީ އެންމެ ފުޅާ ދާއިރާގައި ފާނައިގެ މަސްވެރިކަން ކުރާ އެއް ރަށެވެ. އެހެންވެ، އެ ރަށުން ފަސޭހައިން އައިސް ލިބޭނެ ގޮތަށް ބަނދަރު ކުރިމަތީގައި ޕްލާންޓެއް ހުޅުވީ 2022 ވަނަ އަހަރެވެ. އެ ހާދިސާގައި އައިސް ޕްލާންޓު ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ.
އެ ހާދިސާ ހިނގީ ދޯނިން ތެޔޮ ހުސްކުރުމަށް ޕަމްޕް ޖައްސައިގެން އުޅުމުގެ ތެރޭގަ އެވެ. އެކަމުގެ ރިޕޯޓު ފުލުންނަށް ކޮށްފައި ވަނީ އިއްޔެ ހެނދުނު 9:15 ހާއިރެވެ.
އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ބާރު ގޮވުންތަކުގެ އަޑުވެސް އެތަނުން އިވުނެވެ. އެތަނުގައި ރޯވެ މުޅި ރަށަށް ކަޅު ދުންތައް ފެތުރި އިއްޔެ ވަނީ އެރަށު ސްކޫލުގެ އިންޓަވަލް ފަހުގެ ކިޔެވުން ވެސް ކެންސަލްކޮށްފަ އެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ނިލަންދޫ ފަޔާ ސްޓޭޝަނާއި ފުލުހުން އަދި އެރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.