ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. އަތޮޅުން މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އޮޕަރޭޝަން "އަލިމަގު" ގެ ނަމުގައި މާލެ އާއި ގއ. އަތޮޅުގައި މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު ގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ޑްރަގާ ގުޅުން ހުރި 10 ތަނެއް ބަަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އެ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރީ މުޅިން ވެސް ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:
- ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު، 28
- ގއ. ވިލިނގިލި، މިޔުޒިކީގެ، އަހުމަދު މަދީހް، 33
- ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް، 30
- ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް، 35
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގެ ތަހުގީގު ނިންމައި އެ އެ ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ އެންމެން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިން ނެރުނު ބަޔާނުގައި ފުލުހުން ބުނީ އެ މީހުންގެ އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި ކަމަށެވެ. އެ އެންމެންނަކީ ވެސް ޑްރަގްގެ ވިޔަފާރި ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް އޭރު ފުލުހުން ބުންޏެވެ.
އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް، ހާއްސަ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އަދި އެ ތަހުގީގުން އެނގުނީ، 2015 ވަނަ އަހަރުން ފެށިގެން އެ ނެޓްވޯކުން ޑްރަގް ޓްރެފިކްކުރާ ކަން ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ނެޓްވޯކް މެމްބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު ދައުރު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުންޏެވެ.
ހަޔްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،000ރ. އެވެ.
މީގެ އިތުރުން އަނާމްގެ ބޭންކު އެކައުންޓުތަކުގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވިއަސް އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،000ރ. ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ޝައްފާހުގެ ބޭންކު އެކައުންޓުތަކުގައި 6.9 މިލިއަން ރުފިޔާ ދައުރު ކޮށްފައިވާއިރު އޭނަގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވީ 371،000ރ. ކަމަށް ވެސް ފުލުހުން ބުންޏެވެ.