ޑްރަގު އޮޕަރޭޝަންގައި ގއ. އަތޮޅުން އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކުން ވެސް ހިމެނޭކަން އެނގިއްޖެ އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ގއ. އަތޮޅުގައި އިއްޔެ ކުރިއަށް ގެންދިޔަ "އޮަޕަރޭޝަން އަލިމަގު"ގައި ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އެ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރީ މުޅިން ވެސް ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:
- ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
- އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
- އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
- ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި
އެ މީހުންގެ ތެރެއިން އަނާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. އަދި ސައްފާހު ވެސް ކުރިން ހުރީ ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
ފުލުހުން ބުނި ގޮތުގައި، "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކަށް އަމާޒު ކޮށްގެން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ އެ އަތޮޅުގެ އިތުރުން މާލޭގަ އެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ނޫރުއްނިޒާމު ބަންދުކުރީ 15 ދުވަހަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި 10 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އެކަމަކު، މަސްތުވާތަކެއްޗާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ވެސް ވަނީ ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. އާއި ގދ. އަތޮޅުން ބަޔަކު ހައްޔަރު ކޮށްފަ އެވެ. ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އަތޮޅުން 16 މީހަކު ހައްޔަރުކުރި އެވެ.