މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ރޭ ދަންވަރު އަޑިއަށް ގޮސް އެ އިން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ، "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ދިޔައިރު އޭގައި 13 މީހަކު ތިބި ކަމަަށާއި އޭގެ ތެރެއިން ދިވެއްސަކު ގެއްލިފައިވާ ކަަމަށެވެ. އެކަމަކު، އޭނާގެ މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަށް ނުދެ އެވެ.

ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފަ އެވެ. ދިވެއްސަކު ގެއްލިފައިވާއިރު ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ފުލުހުން ބުންޏެވެ. 

"އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ސަލާމަތް ކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ވެސް ރަނގަޅެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ. 

"އުދަރެސް" ބޯޓު، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 1:25 ހާއިރު އެވެ.

ފުލުހުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދޭ ކަމަށެވެ.