ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ހަރަދުގެ ނިސްބަތް ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.
ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ އިކުއިޓީ މީގެ ކުރިން ހުރީ 20 ޕަސެންޓުގަ އެވެ.
އެ ބޭންކުން ބުނީ އެ އަދަދު ފަސް ޕަސެންޓަށް ދަށްކުރުމަކީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާ އެކު، ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ގައުމީ ބޭންކުގެ ހައިސިއްޔަތުން އިސްދައުރެއް އަދާކުރުމަކީ އެ ބޭންކުން އިސްކަންދޭ ކަމެއް ކަމަށެވެ.
"އިކުއިޓީ ފަސް އިންސައްތައަށް ކުޑަކުރުމާ އެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
"މިސާލަކަށް ދެ މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވި ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާ އެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް."
ބީއެމްއެލް އިން ބުނި ގޮތުގައި ތިން މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިން ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 ޕަސެންޓް އިކުއިޓީއާއެކު ގައެވެ.
ނުވަ ޕަސެންޓްގެ ރޭޓާ އެކު، ބީއެމްއެލްއަކީ މިހާރު ވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދޭ ބޭންކެވެ. ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީ ވެސް އެ ބޭންކުން ވަނީ މދިޔަ އަހަރު ފަސް ޕަސެންޓަށް ކުޑަކޮށްފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށެވެ.