އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ވޯޓުން އިންތިހާބުކުރި ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ރެއާ ހަމައަށް ވަނީ 50 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފަ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ގައުމީ މަޖިލިހުގެ މެމްބަރަކު ވިދާޅުވީ، ޕެޓިޝަނުގައި ސޮއިކުރަނީ ގަޕޯ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ކަމަށެވެ.
"ގައުމީ މަޖިލިސް ބާއްވާފައި ސިމްޕަލް މެޖޯރިޓީން ޗެއާޕާސަން ވަކިކުރެވޭ ގޮތަށް އުސޫލުތައް ހުރީ،" އޭނާ ވިދާޅުވި އެވެ.
ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެ އެވެ.
ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް މި ފެށީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް ގަޕޯ ސޮއިކުރެއްވި ސިޓީއެއް ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށެވެ.
އެކަމަކު އެ ބޭފުޅުން ވަކިކުރި ސަބަބެއް ސިޓީގައި ނެތެވެ.
އެ މައްސަލާގައި އިބުރޭ އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާވެސް ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާ އިން އެ އައިޓަމް އުނިކުރި މައްސަލައެއްގަ އެވެ.
އެ މައްސަލަ ހޫނުވެ، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ އެކްޓިވިސްޓުން އެ ޖަލްސާ ބޮއިކޮޓްކުރި އެވެ.
އެކަމަކު ގަޕޯ ފަހުން ވިދާޅުވީ، ނަޝީދު ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިނުމާ ގުޅުވައި "މަަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ" އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ގަޕޯ އިންތިހާބުކުރީ އެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒުގެ އިސްތިއުފާ އަށް ފަހު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަޕޯ އިންތިހާބުކުރީ ވެސް އެމްޑީޕީގެ އެތެރޭގައި އޭރު އުފެދުނު ފެކްޝަން ކޯޅުމުގެ ތެރެއިންނެވެ.