މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިނުމާ ގުޅުވައި "މަަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ" އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓްތަކުގައިވާ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގެ އެޖެންޑާ ފުރަތަަމަ އެކުލަވާލި އިރު އޮތީ ނަޝީދު ވެސް ވާހަކަފުޅު ދައްކަވާ ގޮތަށެވެ. ނަމަވެސް ފަހުން އެޖެންޑާ ބަދަލުކުރިއިރު، އޮތީ އޭގެ ބަދަލުގައި މޭޔަރަކު ވާހަކަ ދައްކަވާ ގޮތަށެވެ. 

މި ހޫނުގަނޑުތެރޭގައި ނަޝީދު އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވީ "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.

އެ ޕޯސްޓް ކުރެއްވުމަށް ފަހު ނަޝީދު ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ.

ޖަލްސާ ނިމުނު ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހާރާއި މިހާރުގެ މެންބަރުން ތިއްބަވާ ވަޓްސްއެެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވި ގޮތުގައި އެ ޖަލްސާގައި ވާހަކަ ދައްކަވަން އެޖެންޑާކޮށްފައި އޮތީ އޭނާއާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުން އަދި ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" އަށް ކެމްޕެއިނަށް އެކުލަވައިލި ކޮމިޓީގެ ޗެއާ އެވެ.

"މިރޭގެ ޖަލްސާގައި ވާހަކަ ދައްކަަވަން ކުރީގެ ޗެއާ ފަޔާ [ފައްޔާޒް އިސްމާއީލް] އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި، އެ ބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުން ދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަކުރަން،" ވަޓްސް އެޕް ގްރޫޕްގައި ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީ ބަދަހިކޮށް ބާއްވަން އެންމެހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ނަޝީދާ މެދު އަމަލުކުރި ގޮތުން އެކަމާ ހިތްހަމަ ނުޖެހި ރޭގެ ޖަލްސާ އަށް ނުދާނެ ކަމަށް ބައެއް އެކްޓިސްޓުން ސޯޝަލް މީޑިއާގައި ބުނި އިރު، ޖަލްސާގައި ނަޝީދު ވަޑައިގެން ނެތުމުން އެ މަނިކުފާނަށް ހާއްސަކުރި ގޮނޑި އެ ޖަލްސާ ނިމެންދެން ހުރީ ހުސްކޮށް ބަހައްޓައިފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު 2023 ވަނަ އަހަރު އެ ޕާޓީ ދޫކުރައްވައި، ޑިމޮކްރަޓްސް ޕާޓީ އުފެއްދެވި އެވެ. ނަމަވެސް މިދިޔަ އަހަރު އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ކެމްޕެއިން ކޮށްދެއްވުމަށް ބައެއް ސިޓީތަކަށާއި ރަށްރަށަށް ވަޑައިގަތެވެ. ނަޝީދުގެ އިތުރުން، ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ދޫކުރެއްވި ފައްޔާޒު އިސްމާއިލް ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގެ އެންމެ ކުރީކޮޅުން ފެށިގެން އެ ކެމްޕެއިން ނިމެންދެން ވެސް އެތައް ރަށަކަށް ވަޑައިގެން އެ ޕާޓީގެ ތާއީދު އިތުރު ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ.