އުމުރުން 10 އަހަރުގެ ކުއްޖަކަށް ބަޔަކު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ރަށެއްގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ.
އެކަން ދިމާވި ސަބަބެއް ފުލުހުން ނުބުނެ އެވެ.
އެކަމަކު އެ ހާދިސާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ. އަދި ހަގީގަތާ ހިލާފު ވާހަކަތަކާއި ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި ކަށަވަރު ނުވާ މައުލޫމާތަށް ބަރޯސާނުވުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެެވެ.
ފުލުހުން ބުނި ގޮތުގައި، އެ ހާދިސާގައި އަނިޔާ ލިބުނީ ކުޑަކުއްޖަކަށް ވާތީ އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމާއި ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރާމް ކުރުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އަދި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާ ނުކުރުމަށް އެދިފައިވެ އެވެ.