އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
"މިހާރު" އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބައްޕަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިރޭ ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރިކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ވެސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ނުދެ އެވެ.