އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް ޔާސިރު ބަދަލުކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
އެ ބަދަލާ އެކު، ޑރ. ޔާސިރަކީ މިއަދުން ފެށިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިއުޓީ ސީއީއޯ ވެސް މެ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.
މާޗު 4، 2024 އިން ފެށިގެން އައްޑޫ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި، އެތެރެހަށީގެ ހާއްސަ ޑރ. ޔާސިރު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ބަދަލުކުރެއްވުމާ އެކު، އައްޑޫ ހޮސްޕިޓަލް ހަވާލު ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަދީލް ނަސީރުއާ އެވެ.
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އަދީލް އައްޔަން ކުރެއްވިއިރު އޭނާ ވަނީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ގިނަ އަހަރުތަކެއް ވަންދެން ފުރުއްވައްވައިފަ އެވެ.
އަދީލް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވީ ޖެނުއަރީ 2024 ވަނަ އަހަރު އެވެ.
އޭގެ ފަހުން، ޕީއެންސީގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް މި ފަހުން އިއުލާން ކުރެއްވި އެވެ. ނަމަވެސް، ފަހު ވަގުތު އޭނާގެ ނަން ނެންގެވީ އެވެ.
ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދީލް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.