އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހިމް ޔާސިރު އަހުމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަދީލް ނަސީރު އައްޔަންކުރައްވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ހިތަދޫގައި ހުންނަ ހޮސްޕިޓަލުން ޔާސިރު ވަކިކުރިކަން، އެ ތަނުގެ މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ. އަދި އެ ޒިންމާތައް، ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅުއްވި އަދީލްއާ ވަނީ ހަވާލުކުރައްވައިފަ އެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯއަކަށް، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޔާސިރު ހަމަޖެއްސީ މާޗު 4، 2024 ގަ އެވެ. ނަމަވެސް، އެ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ. 

ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި އަދީލް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރެއްވީ ޖެނުއަރީ 2024 ވަނަ އަހަރު އެވެ.

އޭގެ ފަހުން، ޕީއެންސީގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް މި ފަހުން އިއުލާން ކުރެއްވި އެވެ. ނަމަވެސް، ފަހު ވަގުތު އޭނާގެ ނަން ނެންގެވީ އެވެ.

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދީލް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.