"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓްގެ ބިންގާ މިރޭ އަޅައިފި އެވެ. 

ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ އެ މަޝްރޫއުގައި 182 ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ އެވެ.

އެ ފްލެޓުތައް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް ހުޅުމާލޭ 1 ގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ހިންގާ މަޝްރޫއުއެއް ކަމަށެވެ. 

ޝަރީފް ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މާލީ ފައިދާ ހޯދުން ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގިއަށް ބޭނުންވާ މުހިއްމު މަސައްކަތްތަކަށް އިންވެސްޓްކޮށް މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަކީ ގައުމީ ބޭންކުގެ އެންމެ މުހިއްމު އެއް ދައުރު ކަމަށެެވެ. 

އެފަދަ މަޝްރޫއުއެއްގެ ސަބަބުން، މާލީ ގޮތުން އުފުލަން ޖެހިފައިވާ ބުރައަށް ހައްލެއް ލިބުމަކީ އެ ރައްޔިތުންނަށް ލިބޭ ތަނަވަަސްކަމަކަށް ވާނެ ކަމަށާއި އެކަމުގެ ސަބަބުން ބޭންކަށް ވެސް ފައިދާތަކެއް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެތަކެއް އަހަރުތަކެއް ވަންދެން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ޑިމާންޑު ބޮޑުވަމުން އައި ނަމަވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްވެފައި އޮތީ މަދު މިންވަރަކަށެވެ. އަދި އޭގެ ބުރަ ބައެއް ރައްޔިތުންނަށް އުފުލަންޖެހިފައިވާ ކަމަށާއި އެހެންވެ ބޯހިޔާވަހިކަމުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރަންޖެހިފައިވާތީ އެކަމާ ގުޅޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

"މިފަދަ މަޝްރޫއުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ އިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބި އެތައް އާއިލާތަކަކަށް އަތްފޯރާ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުވެ، އަދި މުޖުތަމައަށް އެކި ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް." ޝަރީފް ވިދާޅުވި އެވެ. 

އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އަޅާނީ 3 ކޮޓަރީގެ 182 އެޕާޓްމަންޓެވެ. އެއީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ. 

ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ.

އޭގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ 1،224 ހައުސިން ޔުނިޓްގެ ބިންގާ ވަނީ މިފަހުން އަޅައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ވިލިމާލޭގައި އަޅާ 300 ފްލެޓުގެ ބިންގާ އަޅައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން 1،190 ފްލެޓު އަޅަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި 364 ފްލެޓު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ވެސް ހަވާލުކޮށްފައިވެ އެވެ.

ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.

އެ ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް ހަވާލުކުރީ 2028 ގެ މެދުތެރެއަށް ނިންމާ ގޮތަށެވެ.