ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ އާންމުންގެ ފެންނަ ނުފެންނަ ވޯޓުގައި "ފެންނަ ކަމަށް" ވޯޓު ދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ރޭ ފާސްކޮށްފި އެވެ. 

އަދާލަތު ޕާޓީގެ އާ ލީޑަޝިޕްގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުން ނިންމީ ގައުމާއި ރައްޔިތުންގެ މަސްލަތަށް ރިއާޔަތް ކޮށްގެން ކަމަށެވެ.

"... ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއަޔަތްކޮށް، 'ފެންނަ ކަމަށް' ވޯޓު ދެއްވުމަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ،" އެ ޕާޓީން ބުންޏެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު އިންތިހާބުކުރި އަދާލަތު ޕާޓީގެ އާ ލީޑަޝިޕްގެ ފުރަތަމަ މިފަދަ ބޮޑު ނިންމުމެވެ. އެ ޕާޓީގެ އާ ރައީސަކީ ޝައިހް މުހައްމަދު ޝިފާން އެވެ. އޭނާގެ ނައިބަކީ އަބްދުﷲ ރަޝީދެވެ.

ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ގެންގުޅޭ ވިސްނުމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ އެމްޑީއޭ އިން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.  

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން، އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބާ އެކު ބާއްވަން ވަނީ ނިންމައިފަ އެވެ. 

ދެ އިންތިހާބު އެއްކޮށް ބާއްވަން ހިޔާލު ހޯދުމުގެ ވޯޓު ނަގާއިރު، އިދިކޮޅު އެމްޑީޕީން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. 

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.