ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިދިޔަ ލޯކަލް ކައުންސިތްކުގެ އިންތިހާބު ކެމްޕޭނުގައި ސަރުކާރު ޕާޓީ، ޕީއެންސީއަށް އެކަނި ފުރުސަތުދީ، އެހެން ޕާޓީތަކަށް ފުރުސަތު ނުދިން ސަބަބު ސާފުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ގްރޫޕުން އެދިއްޖެ އެވެ.
އެކަމަށް އެދުނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
ގާނޫނުގައި ބުނާގޮތުން ގައުމީ ކަންކަމުގެ ޚަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ ޒިންމާއެކެވެ. އަދި އެ މީޑިއާ އިން ވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގެ ހަމަހަމަކަން ގާއިމް ކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓުގެ މައުލޫމާތު ދިނުމުގައި އެމްޑީޕީއަށް ފުރުސަތު ނުދިން މައްސަލަތަކެއް ފެންމަތިވި އެވެ.
އެ މައްސަލާގައި ޕީއެސްއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގަށް ވަނުމަށް މަސައްކަތްކޮށް ހަމަނުޖެހުންތަކެއް ވެސް ކުރިން ހިނގި އެވެ.
އެމްޑީޕީގެ ފަރާތުން ޕީއެސްއެމަށް މިއަދު ފޮނުވި ސިޓީގައި ބުނީ ރިފެރެންޑަމް ވޯޓާ ގުޅޭގޮތުން އާންމުންނަށް އެކަށީގެންވާ ވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
"ބަންޑާރަ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަންކަމަށް ބަލާއިރު، ދީނީ، އިގްތިސާދީ، އިޖުތިމާއި، ސިޔާސީ އަދި މި ނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގެ މައުލޫމާތު މުއްސަނދި އަދި ހޭލުންތެރި ރައްޔިތެއް ބިނާކުރުން އަދި ދިވެހި ރައްޔިތުންނަށް މުހިންމު ވާނެ ބައިނަލްއަގުވާމީ ކަންކަމާއި ގައުމީ އެކިއެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ ބަންޑާރަ މީޑިއާގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން،" އެ ސިޓީގައިވެ އެވެ.
ނަމަވެސް ޕީއެސްއެމުން ވަކި ބަޔަކަށް ފުރުސަތުދީ، ވަކި ބައެއްގެ ސިޔާސީ ކަންކަން ކުރުމަށް ފުރުސަތު ދީފައިވާކަން ވެސް އޭގައި ފާހަގަ ކޮށްފައިވެ އެވެ.
އެއީ މީގެ ކުރިން ކަން ހިނގަމުން އައި ގޮތް ނޫން ކަމަށާއި އެ ޕާޓީގެ ޕީޖީ ގްރޫޕުން ޕީއެސްއެމްގެ ވެރިންނާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށައި އެކަން އެގޮތަށް ހިނގަމުންދަނީ ކީއްވެތޯ ސާފުކޮށްދިނުމަށް ވީ އެންމެ އަވަހަކަށް ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ވެސް އެ ސިޓީގައި އެމްޑީޕީން އެދުނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ވޯޓުލީ މީހުންގެ 70 ޕަސެންޓު މީހުން ބުނެފައި ވަނީ އެކަން ކުރަން ނުފެންނަ ކަމަށެވެ.