ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައި ރޯވެ، އަނދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުދަނެއްގައި ރޯވެގެން ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ގ. ހިޔާރޯދީގެ 1 ވަނަ ފަންގިފިލާގައި ހުންނަ ގުދަނެއްގައި ރޯވެފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ބުންޏެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހަނި ގޯޅީގައި ހުންނަ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ އަލިފާން ރޯވި ތަން ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"ބަޔަކު އެ ތަން ސާފުކުރަން އުޅެނިކޮށް ކަމަށް ވަނީ މިކަން ހިނގީ." އޭނާ ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުމުގެ ރިޕޯޓެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.