އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރޯނިކް ވެހިކަލްތައް (އީވީ އުޅަނދުގެ) ނަމްބަރު ބޯޑުގައި ފެހިކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ހުންނަން ޖެހޭ ގޮތަށް ހަދާފައިވާއިރު އެ ބަދަލު ގެނައުމަށް 60 ދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.
މިއީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެންނަ ހަތް ވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ބޯޑެކެވެ. އެ އިސްލާހަށް އިއްޔެ ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބަދަލު ގެނެސްފައި ވަނީ މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އީވީ ވެހިކަލްތައް ފސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ކަމަށެވެ. އެއީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަަސައްކަތަށް އެއްބާރުލުން ދޭން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ބަދަލަށް އަމަލުކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު ރަޖިސްޓްރީކޮށްފައިވާ އީވީ ވެހިކަލްގެ ނަމްބަރު ބޯޑު އާ ފެހި ކުލައިގެ ބޯޑަށް ބަދަލުކުރުމަށް އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އެ ގަވާއިދުގައި ބުނީ ވިޔަފާރި އުސޫލުން ބޭނުންކުރާ އީވީ ވެހިކަލްތަކުގެ ބޯޑު ހުންނާނީ ފެހިކުލައިގެ ބޯޑެއްގައި ރީނދޫކުލައިގެ އަކުރުން ލިޔެފަ އެވެ.
ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދު ނަމްބަރު ނޫކުލައިގެ ބޯޑުގައި ހުދު ކުލައިން ލިޔެފައި ހުންނަން ޖެހޭއިރު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު ހުންނަން ޖެހެނީ ރީނދޫކުލައިގެ ބޯޑެއްގައި ކަޅުއަކުރުން ލިޔެފަ އެެވެ.
އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގައި މިންގަނޑުތަކާ ހިލާފަށް ނަމްބަރު ބޯޑު ހަރުކުރުމާއި ދިއްލޭ ކުލަތައް ބޭނުންކޮށްގެން ނަމްބަރު ބޯޑު ތައްޔާރުކޮށްގެން ބޭނުންކުރުމަކީ މަނާ ކަމެކެވެ.
މިނިސްޓްރީން ބުނީ ބައެއް ބަރު އުޅަނދުތައް ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިފަސޭހަވާނެ ގޮތްތަކެއް ވެސް އިސްލާހުގައި ހިމަނާފައިވާ ކަމަށެވެ. އެ މިނިސްޓްރީން މަސައްކަތް ކުރަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާ އެކު، މުޅި ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރަން ބާރު އެޅުމަށް ކަމަށް މިނިސްޓްރީން ބުންޏެވެެ.